މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭ މަގުމަތީގައި އަންހެނަކާ ފޮށުނު މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓްވިޓާގައި އާންމު މީހެއްގެ ޓްވީޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. މަގުމަތިން މެދު އުރުމުގެ ފިރިހެނެއް އޭނާއާ ފޮށި ފުރައްސާރަ ކުރި ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެކެވެ. ސޯޝަލް މީޑިއާގައި މި އަންހެން މީހާ، ވަނީ އޭނާއާ ފޮށުނު މީހާގެ ފޮޓޯވެސް އާންމުކޮށްފައެވެ. އެ ހާދިސާ ހިނގި ގޮތް ކިޔައި ދެމުން އޭނާ ބުނީ، އެ މީހާ، އޭޑީކޭއާ ހަމައިން އޭނާގެ ފަސްފަހަތުން ފުރައްސާރަ ކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު ހައްޔްރު ކޮށްފައިވީ ނަމަވެސް، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 56 އަހަރުގެ ފިރިހެނެއް ކަމަށާއި، މި މައްސަލައިގައި ޝާމިލްވާ ފިރިހެން މީހާ އިތުރު އަންހެން ކުދިންނާއި ވެސް މިގޮތަށް ފުރައްސާރަ ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުނެ ބުނެއެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3000600 އަށް ނުވަތަ 9790163 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ.
މި ހާދިސާއާ، ގުޅިގެން އެ އަންހެން މީހާ ބުނީ މިއީ މިހާރު ރާއްޖޭގައި އާންމު ކަމަކަށް ވެފައިވާ ކަމެއް ކަމަށާއި، ޒުވާން ގިނަ އަންހެން ކުދިންނަށް އެކަނި މަގުމަތިން ހިނގާފައި ދިއުމަކީ އުނދަގޫ ކަމަކަށް ވެފައި ވާކަމަށެވެ. އަދި މިފަދަ މަންޒަރުތައް ފެނުނު ކަމުގައި ވިޔަސް، މަގުމަތީގައި ތިބޭ މީހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ ކަމަށާއި، އެމީހުން ވެސް ތިބެނީ ކަން ބަލަން ކަމަށް އޭނާ ބުނެފައިވެއެވެ.
ޓްވިޓާގައި މި އަންހެން މީހާއާ ފޮށުނު މެދުއުމުރުގެ ފިރިހެން މީހާގެ އާއިލާ މީހަކު ހޯދާ ދިނުމަށް އެދި ކުރި ޓްވީޓް އާންމުވެ، އެ ފިރިހެން މީހާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ ވަނީ އެ ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ހިތްވަރުގަދަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާން އަންހެން ކުދިންނަށް ފުރައްސާރަ ކުރާ މިފަދަ މީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅު ކަމާ ބެހޭ ފަރާތުން އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.