ރިސޯޓުގެ ބޭނުމަށް އެހެންތަންތަނުން ވެލި ނެގުން މަނާކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާ މެދު އިހުމާލުވެ ދިވެހިރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އަދި މިކަމާ ގުޅެގޮތުން މިނިސްޓްރީން ވަނީ ފަތުރުވެރިން ބައިތިއްބާ އެންމެހާ ތަންތަނަށް ގަނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އަންގައި މިދިޔަ އެޕްރީލް މަހުގެ 16 އަދި މިދިޔަ މަހުގެ 28 ގައި ސާކިއުލާއެއް ފޮނުވާފައެވެ. މިނިސްޓްރީން ބުނީ ސާކިއުލާ ފޮނުވި ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި އިހުމާލުވާތީ މިކަމާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދި ކުރުމަށް ވެލި ނެގުމުގެ އުސޫލު އުވާލުމަށް ވަނީ ނިންމާފައެވެ. މިއީ ރިސޯޓުތަކުގެ އިހްތިސާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ވަނަ އަހަރު ގައި އެކުލަވާލެވިފައިވާ އުސޫލެކެވެ،"
ޓުއަރިޒަމް މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިއްމު މާހައުލެއް ކަމުން ފަޅުތައް ހިމާޔާތްކުރުމުގެ ގޮތުން މި ފިޔަވަޅު މުހިއްމުވެގެން ދާނެކަމަށެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް އިސްކަންދީގެން ގައުމު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މައިގަނޑު އެއް ފަލްސަފާ ކަމުގައި ވުމުން މިފަދަ ކަންކަމުގައި އެ މިނިސްޓްރީން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.