މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޑިސްކޮލިފައިވި ކުދިން އާ ފޯމެއް ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަލުން އިއުލާން ކުރާ އިރު ކުރިން ޑިސްކޮލިފައިވެފައިވާ ކުދިންނަށް ސްޓޫޑެންޓް ޕޯޓަލްއިން އެކުދިންގެ ކުރީގެ އެޕްލިކޭޝަނަށް އެކްސެސް ވެވޭގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ކުދިނަށް އަލުން ޓައިޕްކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރަން ނުޖެހޭނެ ކަމަށާއި ހަމައެކަނި ޑިސްކޮލިފައިވީ ސަބަބު ބެލުމަށްފަހު އެކަން ރަނގަޅުކުރުމަށް ފުރުސަތު ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ލޯން ސްކީމަށް ހުށަހަޅަން މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް އެބަހުރި ކަމަށާއި އެގޮތުން އުސޫލުތަށް އަލުން މުރާޖާކޮށް ކުރިއަށްވުރެވެސް ފަސޭހައިން ލޯނަށް ކުރިމަތިލެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

އަލުން އިއުލާން ކުރާއިރު ކުރިން ޑިސްކޮލިފައިވި ކުދިންނަށް މިހާރު މި ގަސްތުކުރަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ވާހަކަ ދައްކައިގެން ސްޓޫޑެންޓް ޕޯޓަލްއިން އެކުދިންގެ ކުރީގެ އެޕްލިކޭޝަނަށް އެކްސެސް ވެވޭގޮތް ހަދަން، އޭރުން އެކުދިނަށް އެއެޕްލިކޭޝަން އަލުން ޓައިޕްކޮށް ފުރިހަމަކޮށް ހަދާކަށް ނުޖެހޭނެ، ދެން ޑިސްކޮލިފައިވި ސަބަބު ބަލާފަ އެކަން ރަނގަޅު ކުރަންވާނެ ކޮންމެ ކުއްޖަކުވެސް.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ، މިފަހަރުވެސް ފޯމް ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، ޕޯޓަލަށް ބައެއް ބަދަލު ގެންނަން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ފުރިހަމަ ނުވާނަމަ އެކަން ފޯމް ހުށަހަޅާ ފަރާތަށް އިންޑިކޭޓް ކޮށްދޭނެ ގޮތެއް ހިމަނުއްވާނެ ކަަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ލޯން ލިބުނީ 79 ފަރާތަކަށް ކަމަށެވެ. އަދި ގިނަ ފަރާތްތައް ޑިސްކޮލިފައިވީ އާންމު ކުރެވުނު އުސޫލާ އިއުލާނާ ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައިވާތީ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 21 ގައި މަތީތައުލީމް ލޯނުގެ 242 ޖާގައަށް މިނިސްޓްރީން އިއުލާން ކުރިއެވެ. އަދި އެންމެ ގިނައިން ލޯނަށް އެދިފައިވަނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަތީ ތައުލީމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ތިން ޕަސެންޓުގެ އިންޓްރެސްޓާއެކު ދޭ މި ލޯން ދައްކަން ޖެހެނީ ކިޔެވުން ނިމޭތާ ހަ މަސް ފަހުން 20 އަހަރަށް ބަހަލައިގެންނެވެ.