މި އަހަރު ހައްޖު ކޯޓާ ދިނުމުގައި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ހައްޖު ކޯޓާގެ މައްސަލަ އޭސީސީއަށް ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން ހުށަހަޅައިގެން، އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު 1440ގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ ނަމަ ޕްރޮޕޯސަލް ބާތިލްކުރަން ޖެހޭކަމަށް އެ އުސޫލުގެ އަށް ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތް އިރު، މި ސަބަބާހެދި ބައެއް ޕްރޮޕޯސަލްތައް ބާތިލްކޮށްފައިވީ ނަމަވެސް، ޕްރޮޕޯސަލް ހުށަހެޅި އިތުރު ދެ ފަރާތެއް ޕްރޮޕޯސަލްއާއެކު ހުށަހަޅަން ލާޒިމް ކުރާ ބައެއް ލިޔުންތައް ހުށަހަޅާފައި ނުވާ އިރު، އެ ދެފަރާތް އިވެލުއޭޝަންގައި ބައިވެރިކޮށް ޕޮއިންޓް ދީފައިވާ ކަމަށެވެ.

އޭސީސީގެ ތަހުގީގުގައި ބުނެފައިވަނީ ޕްރޮޕޯސަލްއަށް ޕޮއިންޓް ދޭނެ މިންގަނޑެއް ލިޔުމުން އާންމުކޮށްފައިވީނަމަވެސް، ބައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކަކީ ސަބްޖެކްޓިޗް މިންގަނޑުތަކަކަށްވެފައި ޕޮއިންޓް ދިނުމުގައި ޕްރޮޕޯސަލްތައް އަލާ ކިޔުމަށްފަހު އިވެލުއޭޝަން ކޮމިޓީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި މިކަމަކީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ހަމަހަމަ އުސޫލެއް ނެތި ވަކި ފަރާތްތަކަށް ބުރަވުމުގެ ފުރުސަތު އޮތްކަމަަށް ބެލެވެކަމަށް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ.

އޭސީސީން ބެލި މައްސަލައިގައި ބުނެފައިވަނީ ބާތިލްކޮށްފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށްފައިވާ ސަބަބު އެ ކޮމިޝަނުން ޗެކްކޮށް ބެލިއިރު ބާތިލްކޮށްފައި ވަނީ ރަނގަޅަށް ކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އިވެލުއޭޝަންގައި ހިމަނާފައިވާ 12 ޕްރޮޕޯސަލްގެ ތެރެއިން "މިނާ ހައްޖު އުމްރާ" އަދި "ދަރުމަ ލިލް ހައްޖި ވަލް އުމްރަތި" އިން ހުށަހެޅި ޕްރޮޕޯސަލާއެކު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލު 1440 ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ހުށަހަޅާފައި ނުވާ ކަމާއި، އެގޮތުން އެ މާއްދާގެ (ލ) ގައިވާ އިސްވެރިޔާ އާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާން ކުރާ ލިޔުން ދަރުމަ ލިލް ހައްޖި އިން ހުށަހަޅާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި މި ދެ ޕްރޮޕޯސަލާއެކު އެލިޔުން ހުށަހަޅާފައި ނުވާކަން އެ ކޮމިޝަނަށް ފާހަގަކުރެވުމުން މިނިސްޓްރީގެ ފަރާތުން އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ ފަރާތްތަކާއެކު ޕްރޮޕޯސަލް ޗެކްކޮށް އެ ލިޔުންތައް ނެތްކަން ކަށަވަރު ކުރެވުނެ ކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން މި ދެ ޕްރޮޕޯސަލަކީ އެ އުސޫލުން 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާތިލްކުރަން ޖެހޭ ދެ ޕްރޮޕޯސަލްެކަން ފާހަގަކުރެވެއެވެ. ބާތިލް ކުރަން ޖެހޭ ނަމަވެސް އިވެލުއޭޝަންގައި ހިމަނާފައިވާ އަސްލު ބަޔާންކުރެވުނު ދެ ފަރާތުގެ ތެރެއިން މިނާ ހައްޖު އުމްރާ ޕވޓ ލޓޑ އަކީ އިވެލުއޭޝަނުން 3 ވަނަ ލިބި ހައްޖަށް މީހުން ގެނދިއުމުގެ ހުއްދަ ލިބުނު 5 ފަރާތުގެ ތެރޭގައި ހިމެނޭ ފަރާތެއްކަން ފާހަގަ ކުރެވެއެވެ،"
އޭސީސީގެ ތަހުގީގުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ ހައްޖު ޕްރޮޕޯސަލް އިވެލުއޭޓް ކުރި އިރު ހިމަނާފައިވާ ނަމަވެސް ބާތިލް ވާންޖެހޭ ކަމަށް [މިނާ ހައްޖު އުމްރާ އަދި ދަރުމަ ލިލް ހައްޖި ވަލް އުމްރަތި] ފިޔަވާ ދެން ހުރި 10 ޕްރޮޕޯސަލަށް ކޮމިޓީއިން ޕޮއިންޓް ދީފައިވާ ގޮތް މި ކޮމިޝަނުން ޗެކްކޮށް ބެލިއިރު ބައެއް ކަންކަން ފާހަގަ ކުރެވިފައިވާކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުުރުން ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހަވާލުކުރި މަައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިމަނާފައިވާ ސްޓޭޓް މިނިސްޓަރަކީ ހައްޖަށް މީހުން ގެންދަން ޝައުގުވެރިކަން ފާޅުކުރި ދެ ކުންފުންޏަކާއި ގާތްގުޅުމެއް އޮންނަ ފަރާތެއްކަމަށް ބަޔާންކޮށްފައިވާ އިރު، އެ ދެކުންފުންޏަށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަސް ކުންފުނި ތެރޭގައި ހިމެނޭކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން އެއްކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ އިވެލުއޭޝަންގައި ނުހިމަނާ ބާތިލް ކުރަންޖެހޭ ޕްރޮޕޯސަލެއްކަމަށް ވާއިރު، އެ ޕްރޮޕޯސަލް ބާތިލް ނުކޮށް އިވެލުއޭޓްކޮށްފައިވާކަމަށް ވެސް އޭސީސީން ބުނެއެވެ.