މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ. މިއަހަރުން ފެށިގެން ގައުމީ އިނާމު ދިނުމަށް ނިންމާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

ގައުމީ އިނާމު މިފަހަރު ވެސް ދެނީ މައިގަނޑު 33 ދާއިރާއަކުންނެވެ. މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ހިޔާލު ހޯދައި، ގެންނަން ޖެހޭ ބަދަލުތައް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެނެސްފައެވެ.

ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށެވެ. އަދި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ގައުމީ އިނާމަށް ނަން ހުށަހަޅާނީ ވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. އަދި ފޯމު ފޮނުވަންޖެހޭނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސް އޮފީހަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގައުމީ އިނާމާބެހޭ މައުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.