މާދަމާއިން ފެށިގެން ސަރުކާރު ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ފެށޭނެ ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށުނު އިރު، ހަ ދުވަހުގެ ރޯދައާ ދިމާވާތީ ނާސްތާ ދިނުން ވަނީ ލަސްކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސާ އަޒުދާ މުހައްމަދު ދީދީ ވިދާޅުވީ މާދަމާއިން ފެށިގެން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށެވެ. އަދި ނާސްތާ ދިނުން ލަސްކޮށްފައިި ވަނީ ހަ ރޯދަ ނުނިމޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒުދާ ވިދާޅުވީ ދެވަނަ ޓާމުގައި ސްކޫލްތަކަށް ނާސްތާ ދިނުމަށް ނިންމީ، ފުރަތަމަ ޓާމުގައި 25 ސްކޫލަކަށް ނާސްތާ ދިނުމަށް ފެށި ޕައިލެޓް ޕްރޮޖެކްޓްގެ ކާމިޔާބީއަށް ބެލުމަށްފަހުގައި ކަމަށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ދަރިވަރުންނަށް ނާސްތާ ދޭން ފެށީ އެކި ދުވަހު އެކި މެނޫތަކަށް ބަހާލައިގެންނެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.