ރޭ ފުލުހުންނަށް ފިލަން ކަނޑަށް ފުއްމާލި މީހާ ގދ. މާވަރުލު ވަލުތެރޭ އޮއްވާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ. އަދި މި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި މި މީހާ ހޯދުމުގައި މާވަރުލުގައި މަސައްކަތް ކުރާ މީހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާވަރުލަކީ އެއާޕޯޓެއް ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

މި މީހާ ކަނޑަށް ފުއްމާލާފައި ވަނީ ކަނޑުހުޅުދޫ އަށް ދާ ފެރީއިން މަސްތުވާތަކެތި ހިފައިގެން މީހަކު ދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެރަށުގައި ފުލުހުން ހަރަކާތްތެރިވާކަން އޭނާއަށް އެނގިގެންނެވެ.

އަދި އެމީހާ ހޯދުމަށް ދިޔަ ތިން މީހުން ތިބި ޑިންގީއެއް ރޭ ބަންޑުން ޖަހާލާފައިވެއެވެ. ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު މާވަރުލަށް ފަތާފައި އެރި އިރު، އެކަކު ނަގާފައިވަނީ ކަނޑުހުޅުދޫ ދޯންޏަކުން ކަނޑުމަތިންނެވެ. އަދި އަނެއް މީހާ ފެނިފައިވަނީ ފުލުހުންނަށެވެ.