ފުލުހުންނަށް ފިލަން ކަނޑަށް ފުއްމަލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގއ. ކަނޑުހުޅުދޫ އަށް ދާ ފެރީއިން މަސްތުވާތަކެތި ހިފައިގެން މީހަކު ދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެރަށުގައި ފުލުހުން ހަރަކާތްތެރިވާކަން ފެރީގައި ހުރި މީހާއަށް އެނގިގެން އެރަށް ކައިރީގައި އޮންނަ މާވަރުލު ކައިރިއަށް ފުއްމާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފެރީން ފުންމާލި މީހާ ހޯދުމަށް ތިން މީހުން ތިބި ޑިންގީއެއް ދިޔަ މަގުމަތީގައި ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އެތަނުން އެކަކު ފަތާފައި މާވަރުލަށް އަރާ އެމައުލޫމާތު ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި ޑިންގީގައި ތިބި މީހުންގެ ތެރެއިން އިތުރު މީހަކު ކަނޑުހުޅުދޫ ދޯންޏަކަށް އަރާފައިވާ އިރު، އަނެއް މީހާ ވެސް މިހާރު ފެނިފައިވާ ކަމަށެވެ.

"މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ރައްޔިތުންގެ ބަޔަކާއި އަދި ކޯސްޓްގާޑަށް މައުލޫމާތު ދީގެން މަސައްކަތް ކުރަމުން ދަނީ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން މަސްތުވާތަކެއްޗާއެކު ފުއްމާލި މީހާ އަދިވެސް ނުފެންނަ ކަމަށެވެ. މާވަރުލަކީ ގއ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ފަހަކަށް އައިސް ކަނޑު ހުޅުދޫގައި މަސްތުވާތަކެތީގެ މައްސަލަ ވަނީ ބޮޑުވެފައި ކަމަށް އެރަށު މީހުން ބުނެއެވެ.