މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ ކާރު އެކްސިޑެންޓްވެ، ބަފަރު ނެއްޓިއްޖެއެވެ.

މިއަދު ހެނދުނު 11:50 ހާއިރު މި ހާދިސާ ހިނގާފައި ވަނީ މަޖީދީމަގާއި ޝަހީދް އަލީ ހިނގުން ގުޅޭ ކަންމަތިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ކަންމަތިން އެކްސިޑެންޓްވި ކާރު ދުއްވާފައި ދިޔައީ ހުޅަނގުން އިރަށް ކަމަށާއި، އެކްސިޑެންޓްވި ސައިކަލު ދުއްވާފައި ދިޔައީ އުތުރުން ދެކުނަށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ އިރު، އެކްސިޑެންޓްވި ސައިކަލުގެ ހުންގާނު ވަނީ ހަލާކުވެފައެވެ. އަދި މޭޔަރު ޝިފާގެ ކާރުގެ ކުރީ ބަފަރު ވަނީ ނައްޓާއިގެން ގޮސްފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާއިރު، މި ހާދިސާގައި ޝާމިލްވާ ދެ އުޅަނދު ދުއްވި މީހުން އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި 38 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްތަކުން ފުލުހުން ވަނީ 15 މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.