ގައުމީ އެއާލައިން މޯލްޑިވިއަން އިން ގިނަ ބަޔަކު ވަޒީފާއިން ވަކިވިކަން އެ ކުންފުނިން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމު ވަމުން ދިޔަ ޓްވީޓެއްގައި ވަނީ ގައުމީ އެއާލައިނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިވަމުން ދާ ކަން ފާހަގަކޮށްފައެވެ. އެގޮތުން 2 މުވައްޒަފެއް އެ ކުންފުނިން ވަކިކޮށްފައިވާ ކަމަށާއި އަދި ދެ މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން 30 މުވައްޒަފުން އަމިއްލައަށް ވަޒީފައިން ވަކިވެފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައި ވެއެވެ. އާންމުންގެ މީހުން ދަނީ މިކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަމުންނެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ، އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖާކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ވަމުންދާ ޓްވީޓްގައި ފާހަގަކޮށްފައިވާ އަދަދަށް ކުންފުނީގެ މުވައްޒަފުން ކެނޑިފައިވާނަމަ މަސައްކަތްތަކަށް ބުރޫ އަރާ އޮޕަރޭޝަން ހުއްޓޭނެކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް މޯލްޑިވިއަންގެ ހުރިހާ އޮޕަރޭޝަންތަކެއް ވަރަށް އޮމާންކޮށް ކުރިއަށް ދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ވަސީމް ވިދާޅުވީ، ކޮންމެ ކުންފުންޏެއްގައި ވެސް ވަޒީފާއަށް ވަންނަ މީހުންނާއި ކެނޑިގެން ދާ މީހުން އުޅޭނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާންމުވަމުންދާ ލިސްޓުގެ ތެރޭގައި މޯލްޑިވިއަން އިން ވަރަށް ކުރިން ވަޒީފާއިން ކެނޑިފައި ތިބި މީހުން އެބަތިބި ކަމަށް ވަސީމް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާއިން ވަކިވެފައިވާ މީހުންގެ ލިސްޓެއް ހަދާފައިވާއިރު ލިސްޓުގައި ވަރަށް ކުރިން އެ ކުންފުނިން ކެނޑިފައިވާ މީހުންވެސް އެ ހުރީ ހިމަނާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހުގެ ދެވަނަ ދުވަހު މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފުލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވަނީ އެމަގާމުން ދުރުކޮށްފައެވެ. އަމީން މަގާމުން ދުރުކޮށްފައިވާ އިރު، މިދިޔަ ފެބުރުއަރީ މަހު އަމީން ވަނީ ފްލައިޓް އޮޕަރޭޝަންސްގެ ދަށުން ބަލަހައްޓަމުން އަންނަ ޕައިލެޓުންގެ ކަންކަމުން އެއް ފަރާތްކޮށްފައެވެ. އޭނާ މަސްއޫލިއްޔަތުން އެއްފަރާތް ކުރީ އޭނާއާ ދެކޮޅަށް ޕައިލެޓުން އިހުތިޖާޖު ކުރުމުންނެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ، އަމީން މަގާމުން ދުރުކުރީ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން ލަފާދީގެން ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. އޭރު އެ ކުންފުނިން ބުނެފައިވަނީ އޭނާ މަގާމުން ވަކި ނުކުރާ ކަމަށެވެ.