މާލޭ މަގުމަތީގައި އަންހެނަކާ ފޮށުނު މީހެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފިއެވެ.

ރޭ ޓްވިޓާގައި އާންމު މީހަކު ޓްވީޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. މަގުމަތިން މެދު އުރުމުގެ ފިރިހެނެއް އޭނާއާ ފޮށި ފުރައްސާރަ ކުރި ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެކެވެ. ސޯޝަލް މީޑިއާގައި މި އަންހެން މީހާ، ވަނީ އޭނާއާ ފޮށުނު މީހާގެ ފޮޓޯވެސް އާންމުކޮށްފައެވެ. އެ ހާދިސާ ހިނގި ގޮތް ކިޔައި ދެމުން އޭނާ ބުނީ، އެ މީހާ، އޭޑީކޭއާ ހަމައިން އޭނާހެ ފަސްފަހަތުން ފުރައްސާރަ ކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށެވެ.

މި ހާދިސާއާ، ގުޅިގެން އެ އަންހެން މީހާ ބުނީ މިއީ މިހާރު ރާއްޖޭގައި އާންމު ކަމަކަށް ވެފައިވާ ކަމެއް ކަމަށާއި، ޒުވާން ގިނަ އަންހެން ކުދިންނަށް އެކަނި މަގުމަތިން ހިނގާފައި ދިއުމަކީ އުނދަގޫ ކަމަކަށް ވެފައި ވާކަމަށެވެ. އަދި މިފަދަ މަންޒަރުތައް ފެނުނު ކަމުގައި ވިޔަސް، މަގުމަތީގައި ތިބޭ މީހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ ކަމަށާއި، އެމީހުން ވެސް ތިބެނީ ކަން ބަލަން ކަމަށް އޭނާ ބުނެފައިވެއެވެ.

ޓްވިޓާގައި މި އަންހެން މީހާއާ ފޮށުނު މެދުއުމުރުގެ ފިރިހެން މީހާގެ އާއިލާ މީހަކު ހޯދާ ދިނުމަށް އެދި ކުރި ޓްވީޓް އާންމުވެ، އެ ފިރިހެން މީހާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. މި ކަން މިހާރު ފުލުހުންގެ ސަމާލުކަމަށް އައުމާއި އެކު، އެ ފިރިހެން މީހާއާ މެދު ފިޔަވަޅު އަޅާ، މައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއަށް ފުލުހުންގެ ސަމާލުކަން ލިބިފައި ވާއިރު، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ ވަނީ އެ ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ހިތްވަރުގަދަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާން އަންހެން ކުދިންނަށް ފުރައްސާރަ ކުރާ މިފަދަ މީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅު ކަމާ ބެހޭ ފަރާތުން އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.