ބާޒާރުމަތީ ސަރަހައްދުގައި ސަލާންޖަހާ މީހުންނަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން އެހީވެދީފިއެވެ.

ބާޒާރުމަތީ ސަރަހައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހާ ކަން ފާހަގަ ކުރެވިފައި ވާތީ، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ މި ސަރަހައްދަށް ވަޑައިގެން އެ ފަރާތްތަކުގެ ހާލު އޮޅުންފިލުއްވާފައެވެ. އަދި މި މީހުންނަށް އެހީ ވުމުގެ ގޮތުން މިނިސްޓަރު ޝިދާތާ އެކުލަވާލައްވައިފައިވާ އިންޓަވެންޝަން ކޮމިޓީން ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން، މިނިސްޓަރު ޝިދާތާ ބާޒާރުމަތީ ސަރަހައްދަށް ކުރެއްވި ޒިޔާރަތުން، އެ ސަރަހައްދުގައި ސަލާން ޖަހާ މީހުންގެ ތެރޭގައި ވަޒީފާއެއް ލިބުމުގައި ދަތިތައް ހުރި މީހުންނާއި ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރި މީހުންގެ އިތުރުން، ނުކުޅެދުންތެރިކަމެއް ހުރި ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ މީހުން ވަނީ ފާހަގަކުރެވިފައެވެ.

އިންޓަރވެންޝަން ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ބަލައި، އެ ފަރާތްތަކަށް ވެ ވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނެއެވެ. އެ ގޮތުން، މި ކޮމިޓީން ވަނީ މިހާތަނަށް މި ފަދަ 20 ފަރާތެއްގެ ހާލަތު ދެނެގަނެ، އެފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކޮމިޓީން ކުރި މަސައްކަތްތަކުގެ ތެރޭގައި، ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުތު ހަމަވެ، އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް އެ އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެލަވަންސް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. އެގޮތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް މީހުންނަށް އެ ތަކެތި ހޯދައި ދިނުމުގައި ވެސް އެ ކޮމިޓީން ވަނީ އެހީވެފައެވެ. އިންޓަވެންޝަން ކޮމިޓީން ވަނީ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ މީހުން ޑޮކްޓަރަށް ދެއްކުމަށް އެހީވެދީ، ބޭސްފަރުވާއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ މީހުންނާއި ގުޅުވައިދީފައެވެ. ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ މީހުންގެ ތެރެއިން ތިން ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައި ދީފައި ވާއިރު، އެކަކަށް ވަޒީފާ ވަނީ ހަމަޖައްސައިދީފައެވެ. އަދި އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް އިންޓާވެންޝަން ކޮމިޓީގެ ފަރާތުން ދަނީ މަޝްވަރާކުރަމުންނެވެ.

މީގެ އިތުރުން، އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ އާއިލާތަކާ ވާހަކަ ދައްކައިގެން، އެ ފަދަ މައްސަލަތައް ހައްލުކޮށް، އެ މީހުންނަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް ވެސް އެ ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި މީހުންނަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ ދެ މައްސަލަ ކަމުގައި ފާހަގަކުރެވި، ޖެންޑާ މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ ދެ މައްސަލަ ބަލަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އާންމުކޮށް ސަލާން ޖަހާ މީހުން ތިބެނީ ލޯކަލް މާރުކެޓު ހުޅަނގު ކަންމަތީގައާއި، ހުކުރު ދުވަސް ދުވަހު ބޮޑެތި މިސްކިތްތައް ކައިރީގައެވެ. ބައެއް މީހުން އޭޓީއެމްތައް ކައިރީގައި ސަލާން ޖަހަން ހަރަކާތްތެރިވާ އިރު ކެފޭ ރެސްޓޯރަންޓުތަކަށް ވަދެ ގަވާއިދުން ސަލާން ޖަހަމުންދާ މީހުންވެސް ވަނީ ފާހަގަ ކުރެވިފައެވެ.