ހއ. އަތޮޅުން މ. އަތޮޅަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވައިޓް އެލާތް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ސަރަހައްދަށް އެވްރެޖްކޮށް ގަޑިއަކު 23 މޭލައި 29 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.

ހއ. ތަކަންދޫ ރައްޔިތަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިހާރުވެސް ހުއްތުމެއް ނެތި ވަރަށް ބޯކޮށް ވާރޭ ވެހެމުން ދާކަމަށާއި، ވައި ވަރަށް ގަދަ ކަމަށެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ހދ. މަކުނޫދޫ ދެގެއެއްގެ ފުރާޅު ވަނީ އުކާލާފައެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން، އެ ރަށު ސްކޫލުގެ ފާރު މައްޗަށާއި މަގުމައްޗަށް ވަނީ ބޮޑު ގަހެއްވެސް ވެއްޓިފައެވެ.

ހދ. މަކުނުދޫ އަށް ވިއްސާރަވެ އެރަށު މަގުމަތީގައި ހުރި ގަހެއް މުލުން ލުހިފައި / ފޮޓޯ: ޕޮލިސް

އޭގެއިތުރުން މި މަހުގެ ހަތަަރުވަނަ ދުވަހު މާލެއަށް ވައިގަދަވެ ވިއްސާރަ ވުމުގެ ސަަބަބުން ބައި ދަނޑިޔަށް ވުރެ ތިރިއަށް ބޮޑު ދިދަ ވަނީ ވެއްޓިފައެވެ.