އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު އަދިވެސް ހަވާލު ނުކުރާ ކަމަށާ، ހަދިޔާއެއްގެ ގޮތުގައި ދެއްވިއްޔާ ހަވާލު ކުރައްވަން، ނުދެއްވަންޏާ އަނބުރާ ގެންދަވަން ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު މޯދީއަށް ގޮވާލައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރައްދު ކުރައްވާ އުމަރު ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވައިފައިވާ ވީޑިއޯއެއްގައި އޭނާ ވިދާޅުވީ މީގެ 8 އަހަރު ކުރިން އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރެއް ހަދިޔާ ކުރަނީ ކަމަށް ބުނެ އިންޑިއާގެ 40 ސިފައިން ރާއްޖެ އައިސްފައި ވާކަމަށެވެ. އެހެން ނަމަވެސް މި ހެލިކޮޕްޓަރު ރާއްޖެއަށް ދީފައި ނުވާއިރު ރާއްޖެ އައި ސިފައިންވެސް އެނބުރި އިންޑިއާއަށް ނުގޮސް މަޑުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުފައެވެ.

އެހެން ކަމުން ހެލިކޮޕްޓަރު ރާއްޖެއަށް ހަދިޔާ ކުރައްވާނަމަ ހެލިކޮޕްޓަރު ދެއްވުމަށް، ނުވަތަ ހެލިކޮޕްޓަރު ދެއްވަން ބޭނުންފުޅު ނުވާނަމަ ހެލިކޮޕްޓަރާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގައުމަށް ގެންދެވުމަށް އުމަރު ވަނީ މޯދީ އަށް ގޮވާލައްވާފައެވެ.

މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިދިކޮޅު ފަރާތަތަކާ ބައްދަލު ނުކުރައްވާތީ، އިދިކޮޅުން މޯދީއަށް ދޭން ބޭނުންވާ މެސެޖަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ އަދި މިފަދަ ހަދިޔާތަކަށްވުރެ އަމިއްލަ ގައުމު މާ މުހިންމު ކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު ބޭނުން ކުރަމުން ދަނީ ރައްރަށުން ހާލުދެރަ ބަލި މީހުން އުފުލުމުގެ އިތުރުން ކަނޑުގައި އަދި އެއްގަމުގައި ހިންގޭ އެމް.އެން.ޑީ.އެފް އޮޕަރޭޝަން ތަކުގައެވެ.