އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިން ސެންޓަރު ބޭނުން ކުރަމުން ދާތާ 3 އަހަރު ވެފައި ވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެެވެ.

އާދަމް ޝަރީފް ވިދާޅުވީ މޯދީ ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާ ސެންޓަރަކީ އެމް.އެން.ޑީ.އެފް ގެ ބޭނުމަށް ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ ސެންޓަރެއް ކަމަށާ 2015 ވަނަ އަހަރު ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ މި ޓްރެއިނިން ސެންޓަރަށް މިހާރު 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާކަމަށެވެ.

މި ސެންޓަރު މޯދީ ހުލުއްވައިދެއްވަނީ ކޮން ކަމަކާ ގުޅިގެން ކަން ނޭނގުނަސް، މިދަތުރުގައި އިންޑިއާއިން އެންމެ އިސްކަންދޭ 2 ޕްރޮޖެކްޓުގެ ތެރެއިން އެއް ޕްރޮޖެކްޓަކީ މި ޓްރެއިން ސެންޓަރުގެ އިފްތިތާހު ކޮށްދެއްވުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވަނީ، ރާއްޖެއާއި އިންޑިއާ އާ އޮންނަ ގާތް ގުޅުމަށް އިހްތިރާމް ކުރައްވާ ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށް ވިދާޅު ވެފައެވެ. ނަމަވެސް، މޯދީ ރާއްޖެ ވަޑައިގެން ދެ ސަރުކާރުން ސޮއި ކުރާ ޕްރޮޖެކްޓްތައް އިދިކޮޅުގެ ފަރާތުން ބަލަމުން ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސޯޝަލްމީޑިއާގައި އިދިކޮޅަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ދަނީ މޯދީގެ ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ އަސްކަރިއްޔާއާއި ގުޅުން ހުރި އެއްބަސްވުން ތަކެއްގައި ސޮއި ކުރެއްވުން ކަމަށް ތުހުމަތު ކުރަމުންނެވެ. އެގޮތުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އާދަމް ޝަރީފް ވެސް ދަނީ، އިންޑިއާ ސިފައިން ރާއްޖެ ތިބުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ނަމަވެސް ދެގައުމުގެ ދެމެދުގައި ސޮއި ކުރާ އެއްބަސްވުންތަކަކީ ކޮބައިކަން ދެގައުމުން ވަނީ ހާމަ ކޮށްފައެވެ.