އިމާރާތްކުރާ ފަރާތްތަކަށް ދުވާލު ގަޑީގައި ޝީޓް އެޅުމުގެ ހުއްދަ ދީފި ނަމަ، މާލޭގެ ބޮޑު ސަރަހައްދެއް ބަންދުވާނެ ކަމަށް މާލެ ސިޓީގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭގަނޑު 12 އިން ފެށިގެން ފަތިހު ފަހަކާ ހަމައަށް، އިމާރާތްތަކުގައި ޝީޓް އެޅުމުގެ މަސައްކަތް ކުރާތީ ރޭގަނޑު ނުނިދާ ހޭލާ ތިބެން ޖެހޭ ކަމަށް ބުނެ އާންމު މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ، ދުވާލުގެ ވަގުތު ޝީޓް އެޅުމުގެ ހުއްދަ ދީފި ނަމަ، އެތައް މަގެއް ބަންދުވެ، ޓްރެފިކް ބޮޑުވާނެ ކަމަށެވެ.

ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޝީޓް އަޅާ ކޮންމެ ރެއަކު ތިބެން ޖެހެނީ ނުނިދާ ހޭލާ ކަމަށާއި ސްކޫލް އޮންނަ ދުވަހެއް ވެއްޖެއްޔާ، ކުދިން ގޮވައިގެން ދާން ޖެހެނީ ތިމާގެ ގެއަކަށް ނުވަތަ ގެސްޓް ހައުސް އަކަށް ކަމަށެވެ. އަދި ރޭގަނޑަކީ މާތްﷲ އަރާމު ކުރަން ލައްވަވާފައިވާ ވަގުތެއް ކަމަށާއި، މި ކަމަށް ހައްލެއް ލިބޭތޯ އަަހާ އޭނާ ވަނީ ޝަކުވާ ކޮށްފައެވެ.

މި ކަމަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ މާލޭގައި ހުރި މައްސަލަތަކަށް ބަލާއިރު، ދުވާލު ގަޑީގައި ޝީޓް އެޅުމުގެ ހުއްދަ ދީފި ނަމަ، އެތައް މަގެއް ބަންދުވެ، ޓްރެފިކް ދަތިވާނެ ކަމަށެވެ. އެގޮތުން، މިހާރު އަވަށަކުން، 5 ނުވަތަ 10 އިމާރާތުގައި ޝީޓް އެޅުމުގެ ހުއްދަ ދީފިނަމަ ވެސް މުޅި ސަރަހައްދު އެއްކޮށް ބްލޮކް ވާނެ ކަމަށެވެ. މީގެ އިތުރުން ޝިފާ ވަނީ، މިކަމަށް ފެންނަ މޮޅު ހައްލެއް އޮތިއްޔާ، ބުނެދިނުމަށް އެދިވަޑައިގެންފައެވެ.

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ރޭގަނޑު ކުރާތީ، އާންމުންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެގޮތުން މާލޭގެ ބައެއް މަގުތައް ބަންދުވެފައި ހުރުމުން ދުއްވާ އެއްޗެތީގައި ތަންތަނަށް ދިއުމުގެ ދަތިކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. ހަމައެއާއެކު ބައެއް ޓެކްސީ ޑްރައިވަރުން ވެސް ވަނީ މިކަން ފާހަގަ ކޮށްފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޓެކްސީކަން ކުރާ ޑްރައިވަރެއް ބުނީ ރޭގަނޑު ކުރާ ދަތުރުފަތުރުގައި ބައެއް މަގުތައް ބަންދުކޮށްފައި ހުންނާތީ އެމީހުންނަށް ވަރަށް އުނދަގޫ ވާކަމަށާއި، ކިތަންމެ ކައިރިން ކުރެވެން އޮންނަ ދަތުރުތައް ވެސް ދިގުލައިގެން ދަނީ މަންޒިލާ ހަމައަށް ދާން މުޅި މާލެ ވަށާ ދުއްވަން ޖެހޭތީ ކަމަށެވެ. މިފަދައިން ކުރަން ޖެހޭ ދަތުރުފަތުރުގައި އާންމުގެ ޝަކުވާ ލިބޭ ކަންވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން މާލޭގައި އިމާރާތްކުރާ ތަންތަނުން ފެން ދޫކުރުމަށް މާލޭގެ މަގުތަކުގައި އަޅާފައިވާ އެސްލޯނު ބޮޑެތި ހޮޅިތަކުންގެ ސަބަބުންވެސް އާންމުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާތަކަށް ވެސް ޝިފާ ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން ޝިފާ ވިދާޅުވެފައި ވަނީ މަގު މައްޗަށް ދޫކޮށްފައިވާ ހޮޅިތަކުގެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. އަދި އެކަމަކީ ކައުންސިލުން ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ޝިފާ ވިދާޅުވެފައި ވެއެެވެ.