އަރަބި ކަނޑުގައި އުފެދޭނެ ކަމަށް ލަފާކުރާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް އުދަ އަރާފާނެތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ރާއްޖެއާ ދުރުން ރާއްޖޭގެ ހުޅަނގުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ، ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ކޮޅިގަނޑުގެ ސަބަބުން، ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު، މި ސަރަހައްދުތަކަށް ވައި ގަދަ ވުމުގެ ސަބަބުން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި މީގެ ސަބަބުން، މި ސަރަހައްދުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.