ގުރީން ޒޯން ބަންދުކޮށްފައި ވަނިކޮށް އެ ތަނުގައި ހުރި ބަލި މީހަކު ގަދަކަމުން ގެންގޮސް ސުވާލުކޮށް އިހާނެތި ގޮތަކަށް ކަންކުރި ކަމަށް އެ މީހާގެ އާއިލާއިން ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ސެކިއުރިޓީއަށް ގުރީން ޒޯން ބަންދުކޮށްފައި ވަނިކޮށް ތިން ނަންބަރު ފާލަން ދޮށުގައި މީހަކު ސުވާލު އުފެދޭގޮތަކަށް ހުރެގެން އެ ރޭ 8:45 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބުނު ކަމަށެވެ. އަދި ފުލުހުން ސީންއަށް ގޮސް ބެލިބެލުމުން އެ މީހާ ހުރީ ވަރަށް ހުން އައިސްފައި ކަމަށް ފާހަގަ ކުރެވުނު ކަމަށާއި، އެ މީހާ އެކަނި އެ ހާލުގައި ދޫކޮށް ނުލަން، ފުލުހުން އޭނާ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ޕަބްލިކް ރިލޭޝަން ޔުނިޓަށް ގެންގޮސް އެތަނުގެ ގޮނޑިއެއްގައި ބައިންދާފައި އޭނާގެ އާއިލާ މީހަކަށް ގުޅޭތޯ މަސައްކަތް ކުރި ކަމަށެވެ.

އަދި ބަލިމީހާއާއި ހަވާލުވުމަށް އާއިލާގެ ފަރާތުން މީހަކު އައުމުން، ފުލުހުންގެ ވެހިކަލެއްގައި ބަލިމީހާއާ އޭނާގެ އާއިލާގެ ފަރާތުން އައިމީހާ އޭޑީކޭއަށް ގެންގޮސްދީފައިވާ ކަމަށެވެ.

ހުން އައިސްފައި ހުއްޓާ ފުލުހުން އެހީތެރިކަން ފޯރުކޮށްދިން މީހާގެ ދަރިއެއް ކަމަށްވާ އަހުމަދު ޝަމްމޫން އެފްބީގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާގެ ބައްޕަ ހުން އައިސްގެން ތަނެއް ދޮރެއް ނޭނގި މަގުމަތީގައި ހުއްޓާ އާންމުންގެ މީހަކު "ފަތްބޮއިގެން" ހުރި މީހަކު މަގުމަތީގައި އެނބުރެނީ ކަމަށް ބުނެ ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން "ގަދަކަމުން" އޭނާ ފުލުހަށް ގެންގޮސް ސުވާލު ކޮށްފައިވާ ކަމަށެވެ.

https://www.facebook.com/ahmed.shammoon/posts/2489751024408834

ގަދަ ހުމުގެ ސަބަބުން ބައްޕަގެ ހޭ ބުއްދި ފިލައިގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި ހުރީ ހުއްޓުން އަރާފައި ކަމަށާއި، ހުން 106 އަށް ހުރި އިރުވެސް އެއްވެސް ފަރުވާއެއް ނުދީ ދޮޅުގަޑި އިރަށް ފުލުސް އޮފީހުގައި ބޭންދި ކަމަށެވެ. އަދި ބައްޕައާއި ދޭތެރޭގައި ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އާއިލާގެ އެއްވެސް މީހަކު މާލޭގައި ނެތުމުން ފުލުހުން ކައިރީގައި އެދުމުން ވެސް ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ދެކޮޅު ހެދި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އާއިލާއިން ހަވާލުވުމަށް އަންގާ، އެންމެފަހުން ރައްޓެހިން ފޮނުވައިގެން ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށާއި، މިއީ ވަރަށް ދެރަ ކަމެއް ކަމަށް އެމީހާ ބުނެފައި ވެއެވެ.