ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯނި އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ، ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ، ވިލިމާލެ ކައިދިން ވާދޫ ކަނޑު އޮޅިން ދުއްވާފައި ދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިން މީހުން ތިބި ކަމަށާއި، ލޯންޗުގައި ވެސް ތިން މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. މި ހާދިސާގައި ދޯންޏަށާއި ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ފުލުހުން ބުނީ، މި ހާދިސާއަށް ފަހު، ކަފު ޖަހައިގެން ވިލިނގިލި ފަޅަށް ދޯނި ވައްދަން އުޅުމުގެ ތެރޭގައި އެ ދޯނި ވަނީ ވިލިނގިލި ނެރުމައްޗަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. މިހާރު ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.

މި ހާދިސާގައި ދޯންޏާއި ލޯންޗު ދުއްވަން ތިބި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނާއިރު، ފުލުހުން ދަނީ މި މައްސލަަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު ހެނދުނު 7:00 ހާއިރު މި ހާދިސާ ހިނގާފައިވާއިރު، މިއަދު ހެނދުނު ވަނީ ހަމަ މިފަދަ ކަނޑުމަތީގެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން، އެނބޫދޫ ފިނޮޅު ތަރައްގީ ކުރާ ކްރޮސްރޯޑް މޯލްޑިވްސްގެ ފެރީއެއް ވަނީ އެކްސިޑެންޓް ވެފައެވެ.