މުޖުތަމައުގައި ހިނގާ ބަދުއަހްލާގީ އަމަލުތަކުން ދުރުވުމަށް، މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރި ވެފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، މިއަދު މުޖުތަމައުގައި، ތަޅާފޮޅުމާއި މާރާމާރި ހިންގުން އާންމު ވެފައިވާ ކަމަށާއި ވައްކަމާއި ހިޔާނާތާއި މަކަރު ހެދުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ބަދުއަޙްލާގީ އަމަލުތައް ހިންގުން ގިނަވެ، މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން ވެސް އާންމު ވެފައިވާ ކަމަށް ޚުތުބާގައު ބުނެފައިވެއެވެ.

މުޖުތަމައުގައި ހިނގާ މިދަފަ ބަދުއަހްލާގީ އަމަލުތަކުން ދުރުވުމަށް، މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރި ވެފައިވާ ބަޔަކަށްވެ، އެންމެ ކުޑަ އިރުއްސުރެ އުނގަންނައިދިނުމަކީ ހަރުދަނާ އަގީދާއެއްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ، އޭގެ ސަބަބުން، ކުދިންގެ ދީނީ އަގީދާ ހަރުދަނާވެ، ދީނީކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ބަޔަކަށް ވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައު އިސްލާހުކޮށް މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނޭ އަގީދާއާ އީމާންކަން ވަރުގަދަކޮށް، ﷲ އަށް ފުރިހަމައަށް އީމާންވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި، އަރަބިންނަކީ ރަލަށް ދެވި ހިފާފައި ތިބޭ ބަޔަކަށްވީ ނަމަވެސް، މާތް ﷲ ރާ ހަރާމް ކުރެއްވިކަން އެންގެވުމާއި ގުޅިގެން އެމީހުން ވަނީ ރަލާއި ދުރުހެލި ވެފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ގައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށް ވާއިރު، މިއަދު ބައެއް ޒުވާނުންނަކީ، ދީނާ ދުރު، ރިވެތި އަހްލާގީ ސިިފަތަކަށް ބީރައްޓެހި ވެފައިވާ ބައެއް ކަމަށެވެ. އަދި ވައްކަމާއި ފޭރުމާއި ގަތުލުއާންމު ހިންގުމާއި މަސްތުވަތަކެތީގެ ޝިކާރައަަށް ވެފައި ތިބެ، ޖަލުތަކުގެ ތޭރިތަކުގެ އަނެއްފަރާތުގައި އުމުރުގެ ދުވަސްތައް ގުނަމުންދާ މީހުންގެ ތެރޭގައި ޒުވާނުން ގިނަ ވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.