ފިތުރު ޒަކާތުގެ ގޮތުގައި މާލެސިޓީގެ ކޮންމެ ފަގީރަކަށް 5000 ރުފިޔާ ދޫކޮށްފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ އަށާރަ ރުފިޔާ ލިބިފައި ވާކަމަށެވެ. އަދި ފަގީރުންގެ ދަފްތަރުގައި މާލެ ސިޓީ އިން ރަޖިސްޓްރީ ވެފައިވާ ކޮންމެ ފަރާތަކަށް މިއަދަދު ބަހާލުމުން 5000 ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު ގިނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަހަރުގެ އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓިން ނެރުނު އަދަދު އެއް މިލިއަން ދެ ލައްކަ އެކާވީސް ހާސް އައްސަތޭކަ ފަންސާސް އަށް ރުފިޔާ އިތުރުވެފައި ވެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދޫކުރުން ވަނީ ފިތުރު އީދު ދުވަހު ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ރައްރަށުގައިވެސް ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނަށް ބޮޑު އަދަދެއް ލިބިފައި ވާކަމަށާ އަދި ބައެއް ރަށްރަށުގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި އެއްވެސް ފަރާތަކުން ނެތުމުން އެ ރަށްތަކުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަދި ގޮވާމުގެ ބާވަތްތައް އެހެން ރަށްރަށަށް ފޮނުވާފައި ވާކަމަށެވެ.