މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބައެއް ރީބްރޯޑްކާސްޓަރުންނަށް ކޮށްފައިވާ ޖޫރިމަނާގެ ތެރެއިބް 2.5 މިލިއަން ރުފިޔާ މައާފުކޮށްދެއްވުމަށް ރައީސް އިބްެރާހީމް މުހައްމަދު ސޯލިހުގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެއެވެ.
އެކޮމިޝަނުން ބުނެފައިވަނީ ރާއްޖޭގެ ރަށްރަށުގައި ލައިސަންސް ނެތި ނުވަތަ ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ރީބްރޯޑްކާސްޓް ކުރަމުންދާ މައްސަލައާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި އެ ފަދަ ފަރާތްތަކާ މެދު އެޅޭނޭ ފިޔަވަޅެއްގެ ގޮތުގައި ގަވައިދު ގައި ބަޔާންކުރާ ޖޫރިމަނާ، ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 29 ފަރާތެއްގެ މައްޗަށް ކުރެވިފައިވާ ކަމަށެވެ.
އަދި މީގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައި ވާއިރު، 15 ފަރާތަކުން ޖޫރިމަނާ ނުދައްކާ ކަމަށާއި، ޖޫރިމަނާ ނުދައްކާ ހުރި ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި ކޮމިޝަނުން އެދިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި މި ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުން، އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާ ފަރާތްތަކެއް ކަމާއި އެ ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައި ވާކަމާއި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ވާހަކަ ބަޔާންކޮށް ހުށަހަޅާފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ޖޫރިމަނާ ކޮށްފައިވާ ބައެއް ކުންފުނިތަކުން، ޖޫރިމަނާ މައާފުކޮށްދެއްވުމަށް އެދި ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، ސަރުކާރުގެ ބައެއް މިނިސްޓަރުންގެ ފަރާތުން މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މައާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނާ ހަމައަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މި ފަދަ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި މި ކުންފުނިތަކަށް މި ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށްޓަކައި އިތުރު ފުރުސަތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް އެ ކޮމިޝަނަށް ފެންނާތީ، މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކިފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ގާނޫނާއި ގަވައިދުގެ ތެރެއިން މައާފުކުރެވޭނެ ގޮތެއް ހޯދުމަށް ކޮމިޝަނުން ބޭނުންވާކަމަށް ކޮމިޝަނުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.