ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުންކުރެވޭނެ ގޮތަށް ހަދާފައި ހުރި ގެއެއް ރެއިޑްކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ 4:19 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. ފެޝަން މީޑްގެ ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ އެކު ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަައާ ގުޅިގެން އެގެއިން ހައްޔާރުކޮށްފައި ވަނީ 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ރެއިޑް ކުރި ގޭގައި ސެކިއުރިޓިއަކަށް ހުންނަ މީހާ އިންނަ ގޮނޑި / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެގެ ބަލާ ފާސްކޮޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ސެލޯފިން ކޮތަޅު ފެނިފައިވާ ކަމަށެވެ.

"މި ގެއަކީ ވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދީފައިވާ ގެއެއް"
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެހެން ގެތަކާއި ހިލާފަށް މި ގެއަކީ ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ދަނގަނޑު ދޮރު ހަރުކޮށް ދޮރުކައިރީ ސެކިއުރިޓިއަށް މީހަކު ބަހައްޓައިގެން ސެކިއުރިޓީ ބަލަހައްޓަމުންދާ ގެއެއް ކަމަށެވެ. އަދި މި ގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ތަފާތު ލިޔުންތައް ލިިޔެފައިވާ ގެއެއްކަމަށް ވެސް ފުލުހުން ބުނެއެވެ.