ރާއްޖޭގައި އެންމެ ބޮޑަށް ވައި ނުސާފުވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ އިރުވައި މޫސުމުގައި ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓަ ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނެފިއެވެ.

ޔޫއެންޑީޕީން ބުނީ، ރާއްޖޭގައި ވައި އެންމެ ބޮޑަށް ނުސާފުވާކަމަށް ރެކޯޑް ކުރެވިފައި ވަނީ އިރުވައި މޫސުމުގައި ކަމަށާއި، މިގޮތަށް ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދޭ ވިހަ ގޭސްތައް އެމޫސުމުގައި ރާއްޖޭގެ ސަރަހައްދަށް ޖަމާވާތީ ކަމަށެވެ.

އިއްޔެ ފާހަގަކުރި ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޔޫއެންޑީޕީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ރާއްޖޭގެ ސަރަހައްދަށް ވިހަ ގޭސް ދައުރުވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އެއްވެސް އާންމުކޮށްފައި ވެއެވެ.

ތިމާވެށީގެ ދުވަހާ ދިމާކޮށް، ރާއްޖޭގެ އެކި ކުންފުނިތަކާއި، މުއައްސަސާތަކުން، އެ ދުވަސް ފާހަގަކޮށްފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ދުވަހާ ގުޅިގެން ހިތާބެއް ދެއްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ތިމާވެށްޓާ ރަހްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއް ކަން ގަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށް ވުމަށް ރައީސް ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސިނާއީ ބޮޑެތި ކާރުހާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރު ތަކަށް ރާއްޖޭގައި ބޭނުންކުރާ އުޅަނދު ތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދު ނޫން ކަމަށެވެ. އަދި އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާން ޖެހިފައި ވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރު ވެފައިވާ ވައިގެ ތެރެއަށް ކަމަށާއި މާލެ ސަރަޙައްދުގައި އެކަނިވެސް، 60،000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.