3 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ކުށަކާ ނުލާ ހައްޔަރު ކުރި މީހެއް ކަން ޑީޖޭއޭގެ ބަޔާނުން އެނގިއްޖެއެވެ.

މި މައްސަލައިގައި ހިމެނޭ ދެ މީހުން ފުރަތަމަ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. މި މީހުން ހައްޔަރު ކުރުމަށް ފަހު، މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކޯޓުން އެމީހުން ދޫކޮށްލައިފައި ވަނިކޮށް އަނެއްކާ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު 3:17 ހާއިިރު ދެ ވަނަ ފަހަރަށް އެމީހުން ހައްޔަރުކުރިއެވެ. ނަމަވެސް، މިހާރު މި މީހުން ވަނީ ދެވަނަ ފަހަރަށް ދޫކޮށްލާފައެވެ. މި މައްސަލައިގައި ހިމެނެނީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި، މި އަންހެން މީހާއަކީ 25 އަހަރުގެ މީހާގެ މަންމައެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، 52 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫން ކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ. އެގޮތުން، އޭނާ ހައްޔަރު ކުރީ އޭނާ އުޅޭ ގެއިން ފެނުނު މަސްތުވާތަކެއްޗަށް އޭނާގެ ދަރިފުޅު ޒިންމާ ނަގާފައި ނުވާތީ ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައި ވާކަމަށް އެބަޔާނުގައި ވެއެވެ.

މި އަންހެން މީހާގެ ހައްޔަރު ކުރުމަށް ފަހު، ކުރި ޓެސްޓުން އެމީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބެންޒޯއަށް ވަނީ ޕޮސިޓިވް ވެފައެވެ. ނަމަވެސް، މި އަންހެން މީހާއަކީ ނަފްސާނީ ބައްޔަކަށް ބޭސްކާ މީހަކަށް ވުމާއި އެކު، އޭނާގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވް ވެފައިވަނީ ބޭހަކަށް ކަން ކޯޓަށް ކަށަވަރުވެފައި ވާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުންނާއި ކޯޓުން ދޭ ބަޔާންތަކުގައި ބޮޑެތި ފުށޫއެރުންތައް ހުރިކަން ފާހަގަވާއިރު މިހާދިސާގައި ހިމެނޭ ދެމީހުންގެ ތެރެއިން އެކަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ އާއިލާގެ މީހެއް ކަމަށް ވަނީ އެނގިފައެވެ. އަދި ދެވަނަ މީހާއަކީ ކްރިމިނަލް ކޯޓުގެ މީހަކާ އާއިލީ ގުޅުން އޮންނަ މީހެއް ކަންވެސް ވަނީ އެނގިފައެވެ. ނަމަވެސް މިވާހަކަ އެކޯޓުން ދޮގުކޮށް ބުނީ އެފަދަ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.