3 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި 2 މީހުން އަނެއްކާ ވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ 3 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މި ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އެންގީ މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. މި ދެ މީހުން ފުރަތަމަ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. މި މީހުން ހައްތަޔު ކުރުމަށް ފަހު، މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކޯޓުން އެމީހުން ދޫކޮށްލައިފައި ވަނިކޮށް އަނެއްކާ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު 3:17 ހާއިިރު ދެ ވަނަ ފަހަރަށް އެމީހުން ހައްޔަރުކުރިއެވެ. ނަމަވެސް، މިހާރު މި މީހުން ވަނީ ދެވަނަ ފަހަރަށް ދޫކޮށްލާފައެވެ.

މީގެ ކުރީގައި އެމީހުން ދޫކޮށްލަން ކޯޓުން އަމުރު ކޮށްފައިވަނީ ކޯޓު އަމުރު ފުރިހަމަ ނުވާ ކަމަށް ކޯޓުން ނިންމާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، ދެވަނަ ފަހަރަށް މި މީހުން ދޫކޮށްލީ ކީއްވެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ފުރަތަމަ ފަހަރަށް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޔާއަތް ކޮށް ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު ޖަހާފައި ނެތުމުން ކަމަށް ބުނެއެވެ. ފުލުހުން އެދިގެން ހޯދި ކޯޓު އަމުރުގައި ސޮއި އޮތީ ހަމަ އެކަނި ފަހު ގަނޑުގައެވެ.

ފުލުހުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި 2 މީހުން ދޫކޮށްލި ސަބަބު ހުޅުމާލޭ ކޯޓުން ސާފުވާގޮތެއް އަދި ނުވެއެވެ.