އައިއެސް ޖަމާއަތަށް ތާއިދުކޮށް ކުރިއަށް ގެންދާ ހަރަކާތްތައް އަވަހަށް ހުއްޓުވަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާތް، އައިއެސް އަށް ތާއީދު ކޮށް އެ ޖަމާއަތް އިޝްތިހާރު ކުރުމަށް އައްޑޫސިޓީގެ ބައެއް ސަރަހައްދު ތަކުގެ ފާރުގައި ބަޔަކު ލިޔެފައިވާކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އަނިލް ވިދާޅުވީ މިކަމާ މެދު ހިކުމަތްތެރި އަވަސް ފިޔަވަޅެއް ނޭޅި ލަސްވާ ކޮންމެ ދުވަހަކީ މިކަމުގެ ނުރައްކާ އިތުރު ވެގެންދާ ދުވަހެއް ކަމަށެވެ. އަދި މިކަން އަވަހަށް ބަލައި ހުއްޓުވުމަށް ސަރުކާރަށާއި، ނެޝަނަލް ކައުންޓާ ޓެރޮރިޒަމް ސެންޓަރަށާއި، ޕޮލިސް އަދި އައްޑޫ ކައުންސިލަށް އަނިލް ވަނީ ގޮވާލައްވައިފައެވެ.

ހައްދު ފަހަނައަޅާފައި މީހުންނާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ހުރަސް އަޅަން މަސްތްކަތް ކުރާ ފަރާތަތަކުގެ މައްސަލައަށް ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ބައްލަވަމުން ގެންދަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެެވެ. އަދި ފުލުހުން ވަނީ މިފަދަ ފަރާތްތަކުން ފާރުތަކުގައި ލިޔަމުންދާ އެއްޗިހި ފޮހެމުން ދާކަމަށް ބުނެފައެވެ.

އައިއެސް ޖަމާއަތަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައި ވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތުން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނގުރާމަކޮށް ރަހުމުކުޑަކޮށް މީހުން މަރަމުންނެވެ. އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި އީސްޓާ ފާހަގަ ކުރަމުން ދަނިކޮށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާވެސް ވަނީ އައިއެސް ޖަމާއަތުން އުފުލާފައެވެ.