މީގެ އަހަރެއް ކުރިން ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރި 8 މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ؛
- އަލީ މުނީޒު، ތ. ތިމަރަފުށި، ކެނެރީގެ،
- މުހައްމަދު އާސިރު، ތ. ތިމަރަފުށި، އަސުރުމާގެ
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި، ފެހިވިދުވަރުގެ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި، އަސްރަފީވިލާ
- ޝަމާހު ޝަރީފް، ތ. ތިމަރަފުށި، ސައިމާ
- އަބްދުﷲ އިމާދު ރ. މަޑުއްވަރި، ބީޗްހައުސް
- އިބްރާހީމް ލޫތު، ނ. ކުޑަފަރި، ރޯޒްމީޑު
- އަލީ އަރުހަމް މުހައްމަދު، ފެހިވިލާ، ރ. ކަނދޮޅުދޫ
މި މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ތ. ތިމަރަފުށީގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަކަށް ތާއީދުކޮށް ޓެރަރިޒަމްގެ ހިތްވަރުދީ ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުގެ ތުހުމަތެވެ. އަދި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއައިޑީ) އެއް ތައްޔާރުކުރުމަށް ފަހު ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލައި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރުވަމުން ދިއުމާއި، ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީންތައް ހަދަމުން ދިޔުމުގެ ތުހުމަތުވެސް ވަނީ މި މީހުންގެ މައްޗަށް ކޮށްފައެވެ.
މީގެ އިތުރުން ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
މި މީހުން އަތުލައިގެންފައި ވަނީ، ނަސާހް-3 ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އައިއީޑީއެއް ތައްޔާރު ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނޮވެމްބަރު 11، 2020 ވަނަ ދުވަހުއެވެ. އެ ދޯނި ބަލައި ފާސްކުރިއިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައި ވާ ކަމަށް ވެސް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަލައި ފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައި ވާ ކަމަށް ވެސް މީގެ ކުރިން ރިޕޯޓު ކޮށްފައި ވެއެވެ. ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހަކު އެކްސްޕްލޯސިވް އެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ.
މި މީހުންގެ މައްޗަށް ފެބްރުއަރީ 8، 2021 ވަނަ ދުވަހު އުފުލާފައިވާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން، ހަނގުރާމައަށް ދާން އުޅުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް އެޕްރީލް 8، 2026 ގެ ނިޔަލަށް ނިމިފައިވާއިރު، އިއްޔެގެ އަޑުއެހުމުގައި ދެފަރާތުން ހުލާސާކޮށް ވާހަކަދައްކައި، ފަހު ބަސް ވަނީ އިއްވާފައެވެ. ދެން އޮންނާނީ މި މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުން ކަމުގައި ވާއިރު ޖިނާއީ އިޖުރާއަތު ގާނޫނު ބުނާގޮތުން ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި މައްސަލާގައި ހުކުމް ކުރަން ޖެހޭނެއެވެ. އެހެންކަމުން މޭ 8، 2026 ގެ ކުރިން މި މައްސަލާގައި ކޯޓުން ގޮތެއް ނިންމަން ޖެހެއެވެ.
