2016 ވަނަ އަހަރު ފ. މަގޫދޫއިން ގޯތި ދޫކުރި ފަހުން އެ ނިންމުން މި އަހަރު އަލުން ބަދަލުކޮށް ކުރިން ގޯތި ދިން މީހުން ނޫން އެހެން ބަޔަކަށް ގޯތި ދިފައިވާތީ، އަލުން އިއުލާން ކޮށް ގޯތި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މަގޫދޫ ކައުންސިލަށް އަންގައިފިއެވެ.

އޭސީސީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ގޯތި ދޫކުރުމަށް ޖުލައި 14، 2016 ގައި މަގޫދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނު ބާތިލުކޮށް އަލުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމަށް ފ.މަގޫދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާނެ ކަމަށެވެ.

އޭސީސީން ބުނީ މަގޫދޫއިން ގޯތި ދިނުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017 ވަނަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޫކުރުމަށްފަހު އެ ނިންމުންތަކަށް މިހިނގާ 2019 ވަނަ އަހަރު ތެރޭގައި ވަނީ ބަދަލު ގެނެސްފައިވާކަމަށެވެ.

އަދި 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެނެސް ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައެޅުމުގެ ސަބަބުން އޭރު ގޯތި ލިބުނު ކަމަށް ލިޔުން ހަވާލުކުރެވުނު ބައެއް ފަރާތްތައް އަލުން އިއުލާންކުރި ލިސްޓުގައި ނުހިމެނި އެމީހުންގެ ބަދަލުގައި އެހެން ފަރާތްތަކެއް އެ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

"ތާރީހު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން މީހާގެ އުމުރާއި، ކާވެނިކުރި ތާރީހާއި، ޝަރުއީގޮތުން މީހަކު ނުވަތަ ކުއްޖަކު ބަލަންޖެހުނު ތާރީހާއި، އެހެން ރަށެއްގައި ދިރިއުޅޭތާ ވީ ދުވަހުގެ މުއްދަތު ފަދަ ކަންކަމުގައި ތާރީހު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހަޅަން ކުރާ އިއުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހާ ހަމައަށް ކަމަށް ގޯތި ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ ގޯތި ދިނުމުގެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޕޮއިންޓް ދީފައިވާ ގޮތަށް އެންމެ ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ އުމުރުގެ ބަޔަކަށްކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތަކަށް އެ ބަދަލު ނުގެނެވޭނެއެވެ."
އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެފަހަރު ދީފައިވަނީ މޭ 24، 2016 ގައި ކަމަށްވެފައި، އެ ހުއްދަ ބާތިލުކޮށްފައިވާކަން ޖެހިގެން އައި ދުވަހު އަންގާފައިވާ އިރު، ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ ޖުލައި 14. 2016 ގައި ކަމަށްވާތީ، ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ އެ ހުއްދަ ބާތިލުކުރި ފަހުންކަން ފާހަގަކުރެވޭ ކަމަށެވެ.

"ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ ގޯއްޗަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީން ފާހަގަކޮށްފައިވާއިރު، ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެގޮތަށް އަމަލުކުރާނަމަ އެކަން ކުރަންޖެހޭނީ ކުރިން ކުރި އިއުލާން ބާތިލުކުރުމަށްފަހު ގޯތި ދިނުމަށް އަލުން އިއުލާންކޮށްގެންނެވެ."
އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށްފައިވަނީ ގޯތި ދިނުމަށް ކުރި އިއުލާނާއެކު އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށްވާތީއާއި، ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ ގޯތި ދިނުމަށް ދިން ހުއްދަ ބާތިލުކުރިފަހުން ކަމަށްވާތީއާއި، އެ އިއުލާނާ ގުޅިގެން ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށްވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އަލުން އިއުލާންކޮށްގެން ގޯތި ދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ކޮމިޝަނުން މަގޫދޫ ކައުންސިލް އިދާރާއަށް އަންގާފައި ވާނެ ކަމަށެވެ.