މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާ ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދު، މާފަންނު ސްޓޭޑިއަމްގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ނޯންނާނެ އެވެ. އަދި މިހާރު ވަނީ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައެވެ.

ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި އޮތީ މާފަންނު ސްޓޭޑިއަމްއެވެ. އަދި ވިލިމާލޭގައި ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެއްސި އިރު، ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އިދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ ސެންޓްރަލް ޕާކުގައެވެ.

ރާއްޖެއަށް މޫސުން ގޯސްވެ މިރޭ މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.