ޖަލުތަކުގެ އޯޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ބެލުމަށް ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ އެއް އެކުލަވާލައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ މިއަދު އެކުލަވާލައްވާފައިވާ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން (ރިޔާސަތު)، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު، އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ގެ އިތުރުން ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހްކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.