މިއަދަކީ 1440 ވަނަ އަހަރުގެ ރޯދަމަހުގެ ފަހު ދުވަސްކަމާއި، ޝައްވާލުމަހުގެ ހަނދު ފެނި މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުންނެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުން ވެސް މިއަދަކީ މި ރޯދަ މަހުގެ ފަހު ދުވަހެވެ. މިއީ 29 ދުވަހުގެ ރޯދަމަހެކެވެ. އަދި އީދު ދުވަހަކީ މާދަމާއަށް ވެފައި، ކުރިއަށް އޮތީ ހަފްތާ ބަންދާއެކު ބަންދު ފަސް ދުވަހެވެ.

ރާއްޖެއަށް މިއަދަކީ ރޯދަ މަހުގެ 29 ވަނަ ދުވަހަށް ވީއިރު، އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ ރޯދަމަހުގެ 29 ވަނަ ދުވަހެވެ. އަދި އިރުއޮއްސުމާއެކު ގިނަ ގައުމުތަކުން ދަނީ ހަނދު ފެނޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ބުރޫނާއީ، އަންމާން، މަޣްރިބު، އީރާން، ސްރީލަންކާ، ބަނގްލަދޭޝް، ޕާކިސްތާން އަދި އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް މިއަދަކީ ރޯދަމަހުގެ 28 ވަނަ ދުވަހެވެ.

މި ރޯދަމަހު ދިވެހިރާއްޖެއިން ރޯދަ ހިފަން ފަށާފައިވަނީ ޝައުބާން މަހުގެ 30 ދުވަސް ހަމަކޮށް، ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ.