ދެކުނުގެ ތިން އަތޮޅަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން ވަނީ މިއަދު މެންދުރުފަހު 12:15 އިން ހަވީރު 5:00 އާ ދެމެދު ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން، އެ އިދާރާއިން ބުނީ މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މި ސަރަހައްދަށް ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ.
އެ އިދާރާ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިއަދު ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑި އިރު ތެރޭގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އާންމު ގޮތެއަގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުގެ ދެކުނާއި، ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، މެދުތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކުރެވެއެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ވިލާގަނޑުގައި ކަމަށެވެ.
ކުރިއަށް އޮތީ އީދު ކަމަށް ވުމާއި އެކު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަ ކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.