މާލޭ ގެސްޓްހައުސް އަކުން ހާލު ދެރަވެގެން ގެންދިޔަ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިކްޓްރީ ގެސްޓް ހައުސްއިން މީހަކުގެ ހާލު ދެރަވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 4:30 ގައި ކަަމަށެވެ. މި މީހާ އަކީ 24 އަހަރުގެ ފިރިހެނެެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މީހާ ހާލު ދެރަ ވުމުގެ ސަބަބުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުުން ބުނެއެވެ.

ފުލުހުން ބުނީ މި ކަމުގައި ޝައްކު ކުރެވޭ ކަންތައްތައް އެބަ ހުރި ކަމަށާއި، މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް، މަރުވި ފިރިހެން މީހާއަކީ ދިވެއްސެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި މީހާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޒަހަމްތަކެއް ހުރި ކަމެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މާލޭގެ ގެސްޓްހައުސްތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މިދިޔަ މާޗް މަހު، 34 އަހަރުގެ އައްޑު އަށް ނިސްބަތްވާ، ދިވެހި ޒުވާނެއް މަރުވެފައި އޮއްވާ ފެނިފައިވެއެވެ. އެގޮތުން، މި މީހާ ވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުން ބުނީ މި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.