ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުވާކުރާ ފޮނުވާފައިވާ 15 މައްސަލައެއް އަލުން ބެލުން ސައްހަ ނުވާނެކަމަށް ބުނެ، ކުރިމިނަލް ކޯޓުން އެ މައްސަލަތައް އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާލައިފިއެވެ.

ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ، މައްސަލަތައް އަނބުރާ ފޮނުވާލީ މިހާރު ދައުވާ އުފުލާފައި ހުރި ގޮތަށް ކުރިއަށް ގެންދިޔުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންވަނިކޮށް ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިދިޔަ ހަފްތާގައި އެންގިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލަން ފާސްކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ވަނީ ފިނިފެންމާ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމް ބިނާކޮށްފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ މައްޗަށް ކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ އޮތް ބައި ބާތިލް ކޮށްފައި ނެތުމުން، ހައި ކޯޓުގެ އެ ހުކުމުގެ އިބާރާތުގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ ވާހަކަ ވެސް ބަޔާން ކޮށްފައި އެބައޮތް ކަމަށާއި އެހެންވެ، ލޯންޗް މައްސަލާގައި ހިންގި ތަހުގީގަކީ ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކާ ހިލާފަށް ހިންގާފައިވާ ތަހުގީގެއް ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެއެވެ.

"ގަޒިއްޔާ ކުރިއަށް ގެންދިއުމަކީ ބާތިލް ތަހުގީގެއްގެ މައްޗަށް ހިންގޭ އޭގެ ނަތީޖާ އާއި މަޞީރު ފެށުމުގައި ވެސް ބާތިލް ޝަރީއަތަށް ވެގެންދާނެ ކަމެއް ކަމަށްވާތީ، އެ ގަޒިއްޔާ މިހާރު އޮތްގޮތުގެ މަތިން އިތުރަށް ބަލައި ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ" ކުރިމިނަލް ކޯޓުގެ ނިންމުމުގައިވެއެވެ.

މި ނިންމުމުގައި ބުނެފައިވަނީ ލޯންޗު މައްސަލައިގެ އިތުރުން އަދީބު ބަންދުގައި ބަހައްޓައިގެން ހިންގި އެހެން މައްސަލަތަކުގެ ތަހުގީގުތަކާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މައްޗަށް ވެސް ހިންގަން ޖެހެނީ އެ އުސޫލު ކަމަށެވެ.

"އެ މައްސަލަތަކުގައި ސައްހަ އިޖްރާއާތުތަކުގެ ތެރެއިން ތަހުގީގު ކުރުމެއް ނެތި އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތަށް ގަބޫލު ކުރެވޭތީ، އެ މައްސަލަތައް އަނބުރާ ފޮނުވާލަން ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައި" ކުރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

އަދީބުގެ 15 މައްސަލައެއް ކުރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާ އިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ދައުވާ މާދަމާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.