ރާއްޖޭގެ އެންމެ ކާރުބާރު ބޮޑު ތަނޭ، ބުނެފިއްޔާ ނޭނގޭނެ މީހަކު ނުހުންނާނެއެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއެވެ. ތޮށް ޖެހިފައިވާ މާލޭގައި، ހަމަޖެހިލައިގެން ހަވީރު ބުރެއް ޖަހާލަން ދެވެނީ މަދު ފަހަރަކުއެވެ. މާލެއަށް ގިނަ މީހުން ދިރިއުޅުން ބަދަލު ކުރަނީ މާލޭގައި ދިރިއުޅޭ ހިތަކުން ނޫނެވެ. އަމިއްލަ ރަށުގައި ލިބެން ނެތް ހިދުމަތްތައް ހޯދުމަށެވެ. ނުވަތަ އަމިއްލަ ރަށުން ވަޒީފާއެއް ނުލިބުނީތީއެވެ.

މާލޭގައި އުޅޭ ކޮންމެ މީހަކު ހެން ވެސް، އީދު އައުމުން ހިތްހަމަ ޖައްސާލުމަށް ކޮންމެވެސް ރަށަކަށް ދާހިތް ވާނެއެވެ. ބައެއް މީހުން ދާނީ ދުރާލާ ތައްޔާރު ވެގެންނެވެ. އަނެއްބައި މީހުން ދާނީ ކުއްލި ދަތުރެއްގައެވެ. ހަމަ މިފަދައިން، ކުއްލި ގޮތަކަށް ޗުއްޓީއަށް ދާން ރޭވި މީހެއްގެ ވާހަކައަށް ނަޒަރު ހިންގާލަމާތޯއެވެ.

އެއީ ރޯދަމަހުގެ 27 ވަނަ ދުވަހެވެ. އީދު އަންނަން އޮތީ ތިން ދުވަހެވެ. ދިރިއުޅުމުގެ އާދަކާދަ ހުރި ގޮތުން، އީދު ޗުއްޓީ ޖެހުނު އިރު، ހުރީ ދެތިން ދުވަހު ހަމަ ޖެހިލެއިގެން ދެތިން ދުވަސް ނިދާލަން ބޭނުންވެފައެވެ. އޮފީހާއި ކޮލެޖު އަދި އާއިލީ ޒިންމާތަކާއި ހުރެ، ރައްޓެހިންނާއި އެކު ވެސް ރަނގަޅު ވަގުތުކޮޅެއް ހޭދަކޮށް ނުލާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކޮލެޖު ނޯންނަ ރެއަކަށް ވުމާއި އެކު، ރައްޓެހިންގެ އެދުމަށް އެރޭ ދިޔައީ އެމީހުންނާއި އެކު ކޮފީއަށެވެ. ދުނިޔަވީ އެކި ވާހަކަތައް ހިއްސާ ކުރަމުން ގޮސް، އެންމެން އެކުގައި އީދު ބަންދަށް ޗުއްޓީ އަކަށް ދާ ވާހަކަ ދެކެވެން ފެށިއެވެ. މިރެއާ ޖެހެން ދެން ވެސް، އީދު ބަންދުގައި ނިދަން ހިތުލައިގެން ހުރެފައި އަހަރެން ނިންމީ ދެ ދުވަހުގެ ޗުއްޓީ އަކަށް ކައިރި ރަށަކަށް ގޮސް މަޖާ ކޮށްލާށެވެ. އެނބުރި މާލެ އައިސް ހަމަޖެހިލައިގެން ވަޒީފާއަށް ނިކުންނަން އެއް ދުވަސް އޮންނާނެ ކަމަށް ނިންމާފައެވެ.

މާލެ މަގުމަތީގައި މީހުން ދުއްވާފައި ދަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރައްޓެހިންނާއި އެކު ޗުއްޓީ އަށް ދިއުމުގެ މަޝްވަރާގެ ތެރެއިން މާލެ ކައިރީ ރަށްތަކަށް ލޯންޗުގެ ހިދުމަތްދޭ ފަރާތްތަކަށް ގުޅާ، ޖާގައެއް ލިބޭތޯ ބަލާލީމެވެ. ކައިރީގައި އޮތް ގުޅި، މާފުށި، ގުރައިދޫ، ދިއްފުށި، ހަނިމާދޫ އަދި ހުރައަށް ވެސް ލޯންޗުން ޖާގަ ލިބޭ ގޮތް ވެއްޖެއެވެ. މި ރަށްތަކާއި މާލެއާ ދެމެދު ދުވާލަކު މަދުވެގެން ހަތަރު ފަސް ލޯންޗު އޮންނާތީ އުނދަގޫ ކަމަކަށް ނުވިއެވެ. ލޯންޗުން ޖާގަ ލިބުމުން، ދެން ބަލާލީ ގެސްޓްހައުސްއަކުން ކޮޓަރިއެއް ލިބެތޯއެވެ. ދާން ތިބީ އަހަރެންނާއި، އަހަރެންގެ ގާތް ތިން ރައްޓެހިން ކަމަށް ވުމާއެކި މިފަހަރު މަޖާ ޗުއްޓީ އެއް ހަދާލާނަމޭ ހިތާ އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ގުޅަން ފެށީމެވެ. ހުރިހާ ގެސްޓްހައުސް އަކުން ވެސް ބުނީ އީދަށް "ފުލް" ކަމަށެވެ. ނަމަވެސް، ޗުއްޓީއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން، އެ ރަށްރަށުގައި އުޅޭ ރައްޓެހިންނަށް ވެސް ގުޅަން ފެށީމެވެ. އެއްވެސް ކޮޅަކުން ކާމިޔާބު ވާގޮތެއް ނުވިއެވެ. ހުރިހާ ތަނެއް ވެސް "ފުލް" އެވެ. އުޅެވުނުލެއް ވެސް ލަހީއެވެ. ޗުއްޓީއަށް ރަށަކަށް ދިއުމުގެ ހިޔާލު ދޫކޮށްލައި އީދު ދުވަހު ޕިކްނިކް ހަދާލަން ވިލިނގިލި އަށް ދާން ނިންމުމަށް ފަހު އެރޭ ގެއަށް ދިޔައީއެވެ.

މާލެ އިން ފުރައިގެން ދަމުން ނަގާފައިވާ ފޮޓޯ އެއް / ފޮޓޯ: ސޯޝަލް މީޑިއާ

މިއީ މާލޭގައި އުޅޭ ގިނަ މީހުންނަށްވާ ގޮތެވެ. އީދު ޗުއްޓީ އަށް އެންމެން ވެސް ކޮންމެވެސް ރަށަކަށް ދަނީ އެވެ. ފަހުން އުޅެގެން ޖާގަ ނުލިބޭނެތީ ކުރިއާލާ ޗުއްޓީއަށް ތައްޔާރު ވެގެން ތިބެނީއެވެ. ރަށްރަށުގެ ގެސްޓްހައުސްތައް އީދާ ދިމާކޮށް ފުރިފައިވާއިރު، މާލޭގެ ގެސްޓްހައުސްތަކާއި ގެތައް ހުސް ވަނީއެވެ. ތޮށް ޖެހިފައިވާ މާލެ އެންމެ ދުވަހަކަށް ނަމަވެސް، ހަމަހިމޭން ވަނީއެވެ. ޗުއްޓީ އަށް ނުގޮސް މާލޭގައި ތިބޭ މީހުންނަށް ވެސް މާލެ ހަމަހިމޭން ވުމުން ޗުއްޓީ އެއް ލިބުނީއެވެ.