ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައިގެ ރައްޔިތުންނަށް ވެސް އަމާން، ރައްކާތެރި މަގުތަކެއްގެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިއަދު ހަވީރު އިއްޒުއްދީން ފާލަން ސަރަހައްދު ގައި ބޭއްވި "ރޯޑް ސޭފްޓީ އެވެއާނަސް ކެމްޕޭން" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ހުރިހާގޮތަކުން ވެސް ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

އަދި ރާއްޖޭގެ އެކި ހިސާބުގައާއި ހާއްސަކޮށް މާލޭގެ މަގުމަތީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން އަންނަ މިދުވަސްވަރު މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން މިއަދު މި ފެށި ހަރަކާތަކީ ވަރަށް މުހިންމު ހަރާކާތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކަފިހި ހުރަސްތަކުން ހުރަސް ކުރާ ފަރާތްތަކަށް ޖާގަ ދިނުމަށާއި، ދުވާރު މަތީގައި ހުރަސް ކުރުމުގެ އިންތިޒާރީގައި މަޑުކޮށްލުމުން ސައިކަލާއި ކާރު ފަދަ އުޅަނދު، ހިނގާ މީހުން ހުރަސް ކުރުމަށް ޖާގަ ދިނުމަށާއި، ހިނގާ މީހުންވެސް ކިތަންމެ ހަނި މަގަކުން ވިއަސް ދުވާރުން ހިނގުމަށް އިސްކަން ދިނުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

މިއަދު ބޭއްވި މި ކެމްޕޭންގައި ނައިބު ރައީސް ވަނީ މާލޭގެ އެކި ކަފިހި ހުރަސްތައް ހުރި ސަރަހައްދަށް ވަޑައިގެން މި ކެމްޕޭންގައި ބައިވެރިވި ފަރާތްތަކާއި ބައްދަލުކުރައްވާ، "މަށަށް އެނގިއްޖެ" ފްރޭމްގައި ފޮޓޯ ނަންގަވާފައެވެ.