ފިތުރު އީދު ދުވަސް ވާ ޝައްވާލުމަހުގެ ފުރަތަމަ ދުވަސް ބެލުމަށް މާދަމާ ރޭ ހަނދު ސާބިތުކުރަން ނިންމައިފިއެވެ.
މި ޖަލްސާ ފެށޭނީ މާދަމާރޭ 9:30 ގައި އިސްލާމީ މަރުކަޒުގައެވެ.
މާދަމާއަކީ ރޯދަމަހުގެ 29 ވަނަ ރޯދައެވެ. މި އަހަރުގެ ކަލަންޑަރު ބުނާގޮތުން އަންގާރަވާ ޖޫން ހަތަރު ވަނަ ދުވަހަކީ ފިތުރު އީދު ދުވަހެވެ. ހަނދު ބެލުމަށް ބާއްވާ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލުތަކާއި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ފިތުރު އީދު ދުވަސް އިއުލާނު ކުރެވިގެންދާނެއެވެ.
ހަނދު ސާބިތުކުރުމަށް ހެކިބަސް ދިނުން އޮންނާނީ މާދަމާ ހަވީރުން 5:30 އިން ފެށިގެންނެވެ. އަދި އެކަމަށް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް އެގަޑީގައި ހުޅުވާފައި ހުންނާނެއެވެ. އެގޮތުން މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަށް ބަޔަކު ހެކިބަސް ދޭން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގައެވެ. އަދި ރަށްރަށުގައި ހެކިބަސް ދޭން ޖެހެނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގައެވެ. އަދި ކޯޓު ނެތް ރަށެއްނަމަ އެރަށެއްގެ ރަށު ކައުންސިލަށް ގޮސްއެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި ހަނދާއި ބެހޭ އެހެނިހެން މުހިންމު މައުލޫމާތު ދޭންޖެހޭނެ ކަމަށް ޑީޖޭއޭން ބުނެއެވެ.
މި އަހަރުގެ ރޯދަމަހަކީ 29 ދުވަހުގެ މަހެއްކަމަށް ކަލަންޑަރުގައި ބުނެފައިވެއެވެ.