އީދުގެ ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑި އިރު ތެރޭގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އިދާރާ އިން ބުނީ، އާންމު ގޮތެއަގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުގެ ދެކުނާއި، ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، މެދުތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކުރެވެއެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ވިލާގަނޑުގައި ކަމަށެވެ.
ކުރިއަށް އޮތީ އީދު ކަމަށް ވުމާއި އެކު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަ ކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.