މިދިޔަ ހަފްތާ ތެރޭގައި، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 674 އުޅަނދެއްގައި ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޕާކިން ސްޓިކާ 674 އުޅަނދެއްގައި ޖަހާފައި ވާއިރު، ފުލުހުން ވަނީ، ހަތް ކާރާއި ފަސް ސައިކަލު ޓޯ ކޮށްފައެވެ. މިދިޔަ ހަފްތާގައި 674 އުޅަނދުގައި ސްޓިކާ ޖެހި އިރު އޭގެ ކުރީ ހަފްތާގައި 702 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައިވެއެވެ.

މިދިޔަ މޭ މަހު 25 އިން ފެށިގެން 31 ގެ ތަފާސް ހިސާބްތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ ގައި މާލެއިން 64 އެކްސިޑެންޓްވެ، 17 މީހުންނަށް އަނިޔާ ވެފައިވެއެވެ. މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވަނީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ގިނަ ވެފައެވެ. އެގޮތުން، އެ ހަފްތާގައި 47 އެކްސިޑެންޓް ހިނގާ، ހަ މީހުންނަށް އަނިޔާވެފައިވެއެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 361 ވެހިކަލެއް ޗެކްކޮށްފައި ވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 88 މައްސަލައެއް ބެލިފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް ނެތި 52 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ 12 މީހެއްގެ މައްސަލައިގެ އިތުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކު ސައިކަލް ދުއްވައިގެން ވަނީ ހިފަހައްޓާފައެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދޭ ހަތް މައްސަލައަކާއި، ބާރަށް ދުއްވުމުގެ 57 މައްސަލަ އެއް އަދި ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 18 މައްސަލަ އެއް ފުލުހުން ވަނީ ބަލާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް ހަމަވެފައިވާ، 22 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 26 ވެހިކަލްގެ އިތުރުން އިންޝުއަރެންސް ނެތް 13 ވެހިކަލެއް ހިމެނެއެވެ.