އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެން، ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ތާއީދު އޮތް މިންވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަ ކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިތުރު އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ރައީސް އޮފީހުން ބުނީ، މި ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައި ކަމަށާ، މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވާކަމަށެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ފާހަގަކުރެއްވި ކަމަށެވެ.

މައްކާގައި ކުރިއަށްދާ މި ސަމިޓުގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

އިއްޔެ ފެށި މި ސަމިޓުގެ މަގުސަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. ކޮންމެ ތިން އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ގައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެގައުމެއްގެ ވިސްނުން ހުރިގޮތް ހިއްސާކުރުމުގެ ފުރުސަތު އޮވެއެވެ. އަދި މީގެ އިތުރުން، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ އިސްވެރިންގެ ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތުވެސް މި ސަމިޓުގައި ތަނަވަސްވެގެންދެއެވެ.

ރައީސް ސޯލިހު ސައުދީއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން ވެސް ވަނީ އަދާކުރައްވާފަވެ. އެއީ ރައީސް ވެރިކަމާއި ހަވާލުވެޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ އުމްރާއެވެ. ރައީސް ވަނީ، ވެރިކަމާއި ހަވާލުވެ ވަޑައިގެއްނެވުމުގެ ކުރިން ވެސް އުމްރާއެއް ކުރައްވާފައެވެ.