ދުވަހެއް ދުވަހެއް ގަފޫރު ފަރާތުން އެކިކަހަލަ ކަންތައްތައް ސާރާއަށް ކުރިމަތިވަމުން އައެވެ. އެއިން ކޮންމެ ކަމެއް ސާރާ މާ ބޮޑު ކަމަކަށް ނުހަދާ ހުންނަން ފެށީ މަންމަ ބުނި ބަސްއަހައިގެންނެވެ. އެ އުނދަގޫތަކުން ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އަށަގަތް ނަމަވެސް ގަފޫރުގެ ފަރާތުން ބޮޑު ކަމެއް ނުފެންނާތީ އެފަދަ ތުހުމަތެއް އޭނާގެ ބޮލުގައި އަޅުވަން ސާރާ ފަސްޖެހުނެވެ. އޭނާގެ ހިޔާލަށް ވެސް ގަފޫރުގެ ބީހުންތަކާ ބަލާ ގޮތް ސިފަ ކުރެވެން ފެށިއެވެ. އެކަންތައް މަތިން ހަނދާން ނައްތާލައިގެން ހުންނަން ބޭނުން ވިޔަސް އެ އުނދަގޫތައް ސާރާ އެކަނިވެރިވާ ކޮންމެ ވަގުތަކު އޭނާ ވަށާލާފައިވާ ކަހަލައެވެ. އެ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް ސާރާ މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. ޝައްކު ބަލީގެ ޝިކާރައަކަށް ވެއްޖެ ކަމަށް އޭނާ ނިންމިއެވެ.

ސާރާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް އެންމެ ފަހުން ދިޔައީ އެދުވަހު ގަފޫރުގެ ކަންތައް މާ މައްޗަށް ދިޔައިމައެވެ. ތެޔޮ ފުޅިއެއް ހިފައިގެން އައިސް ވިހަ ހިނިތުންވުމަކާއެކީ ސާރާ ކޮޓަރި ދޮރުމައްޗަށް އޭނާ ހުއްޓިލިއެވެ. ތެޔޮފުޅި ދިއްކޮށްލަމުން ގަފޫރުގެ ބުރަކަށީގައި ތެޔޮ ލައިދޭން އޭނާ އެދުނެވެ. ފާހާނާގައި އޭރު ޝިފާން އުޅޭކަންވެސް ސާރާގެ ހަނދާނުން ކައްސާލިއެވެ. ނޫނެކޭ ސާރާ ބުނެލުމުން ގަފޫރު ދެވަނަ ފަހަރަށް ސާރާ ގާތު އާދޭހުގެ ރާގަކަށް އެހެން ބުނެލީ އޭނާގެ ބުރަކަށީގައި ވަރަށް ގަދައަށް ރިއްސާ ވާހަކަ ބުނަމުންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރި ސާރާއަށް ސިހުމެއް ލިބުނީ ފާހާނާއިން ޝިފާން ނުކުތް ތަން ފެނުމުންނެވެ.

ތުވާލިން ބޯ ހިއްކާލުމަށްފަހު ގަފޫރުގެ ބުރަކަށީގައި ތެޔޮ އުނގުޅައިދޭން ޝިފާން އަވަސްވެގަތެވެ. ކޮޓަރިން ނުކުމެގެން ދަމުން ސާރާއާ ދިމާއށް ޝިފާން ބަލާލިކަންވެސް އޭނާއަށް ނޭނގުނެވެ. ހަދާނެގޮތެއް ނޭގި ސާރާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިފާން އެނބުރި ކޮޓަރިއަށް އައިސް އެތައް ސުވާލުތަކެއް ސާރާއާ ކުރަން ފެށިއެވެ. ބައްޕަ ތެޔޮ އުނގުޅައިދޭން ބުނުމުން ނުދިޔައީ ކީއްވެތޯ ސުވާލުކުރިއެވެ. ފުރުސަތުގެ ބޭނުން ހިފާ ސާރާއަށް ބުނެވުނު ޖުމްލައާ އެކީ ޝިފާންގެ ހޫނު އެތިފަހަރެއް ސާރަގެ ކަންކަށިމައްޗަށް ދޮވެލިއެވެ. ސާރާއަށް ބުނެވުނީ ގަފޫރު އޭނާއާ ބެހިދާނެތީ އެކަހަލަ ކަމެއް ކުރަން ދާކަށް ނުކެރޭނެ ކަމަށެވެ. ސާރާއަށް ގަފޫރުގެ ނަޒަރިއްޔާ ގޯސްކަން ފާހަގަ ކުރެވޭތާ ލައްކަ ދުވަސްވެއްޖެ ކަމަށެވެ.

ޝިފާންގެ ހަރުކަށިބަސްތައް ސާރާ ރޮއްވާލިއެވެ. އޭނާގެ ބައްޕައާ ބޭހޭގޮތުން ސާރާ ދައްކަމުން ދިޔަ ހަޑިހުތުރު ވާހަކަތައް ޝިފާން ގަބޫލު ނުކުރާ ކަމަށް ތަކުރާރުކޮށް ބުންޏެވެ. ސާރާ ދޮގު ހަދަނީ ކަމަށް ބުނެ އެފަދަ ކަމެއް ގަފޫރު ކޮށްފާނެކަމަށް ޝިފާން ދުވަހަކުވެސް ހީނުކުރާ ކަމަށާއި ސާރާއަށްޓަކައި އޭނާގެ ހިތުގައި ދެވިފައިވާ ގަދަރު އެތައް ދަރަޖައަަކަށް ކުޑަވެގެން ގޮއްސިކަމަށް ބުނެ ޝިފާން އެގެއިން ނުކުމެގެން ދިޔައީއެވެ.

*** *** *** *** *** ***

ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަންވެސް ސާރާ ބޭނުމެއް ނުވިއެވެ. މޫނުގައި އަޅާފައިވާ ފޮތިކޮޅު ތެމުމުގެ ސަބަބުން ވަނީ އޭނާގެ މޫނުގައި ތަތްލާފައެވެ. ދެކޮޅު ހޯދާ ބަލާލި އިރު ސާރާއަށް މި ހުރެވުނީ ބްރިޖު މަތީގައެވެ. އެ ދުވާރުމަތީގައި ސާރާ ނޫން އިތުރު މީހަކު ނެތެވެ. މަދުމަދުން ދުއްވާފައިދާ ސައިކަލުތައްވެސް ހަލުވި ކަމާއެކު ލޮލުކޮޅަށް އޮބާލަނީ ތަނަކަށް ދާން ލަސްވެގެން އުޅެ ފަދައަކުންނެވެ. މީހުން މަދު ގަޑިއަކަށް ވެފައި ސާރާއަށް އެފަދަ ފުރުސަތެއް ނުލިބޭނެކަން އޭނާއަށް އެނގުނެވެ. ދަގަނޑު ރޭލިންގް ގަނޑުގައި ހިފަހައްޓަމުން ސާރާ ބިންމަތިން އޭނާގެ ފައިތިލަ އުފުލާލީ އެތަނުން ފުންމާލާށެވެ. މި ކެހިވެރި ދުނިޔޭގައި ހުރުމުގެ އެއްވެސް މާނައެއް އޭނާއަަކަށް ދޭހަނުވިއެވެ. އެ ވާހަކަތައް ލޯބިވާ ފިރިމީހާއަށް ކިޔައިދޭނެ ގޮތެއް ވެސް ސާރާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ސާރާގެ ހިތުގައި އަޅަމުންދިޔަ ވޭނާއި ކެކުޅުމުގެ ހިތި އިހްސާސް ކުރެވޭނެ މީހަކު ނެތް މި ދުނިޔޭގައި އޭނާ ހުރުމުގެ ބޭނުމެއް ނެތޭ ހިތަށް އެރިއެވެ. މި ދުނިޔެއިން ނިމިގެން ދާން ނިންމީ އޭނާއަށް ގޮތް ހުސްވީމައެވެ. ދަނގަނޑުންނާއި ކޮންކްރީޓުން ހަދާފައިވާ ރޭލިންގް ގަނޑުގައި ބަނޑުއަޅައިގެން އޮތް ސާރާ ތިރިއަށް ބަލާލިއެވެ. ކަނޑުގެ އޮއެވަރު ގަދަވެފައި ވާއިރު ބްރިޖް ދަށުން ރާޅު ޖަހަމުން ދިޔަ ދިމާ ފެންނަނީ ބިރުވެރި ގޮތަކަށެވެ. ފަތަން ނޭނގޭ ސާރާއަށް މަރުވުމަށް އެ ކަނޑަށް ފުންމާލަން މަސައްކަތްކުރަމުން ދެލޯ މަރާ ބާރުކޮށްލީ ފުން ނޭވާއެއް އެތެރެ ކޮށްލަމުންނެވެ.

ކުއްލިއަކަށް އިވުނު ބަންގީގެ އަޑަށް ސާރާގެ ހަރަކާތް މަޑުޖައްސާލަމުން ދެލޯ މަޑުމަޑުން ހުޅުވާލެވުނީ އޭނާގެ ހިތަށް އީމާންތެރިކަން ވެރިވުމުންނެވެ. އޭނާ ލައިގެން ހުރި ޖިލްބާބުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ނަގަން ސާރާ އަތް ހަރަކާތްކޮށްލީ ރޭލިންގަނޑު މަތިން ފައިބަމުންނެވެ. ނަމާދު ވަގުތު ޖެހުމުން އޭނާގެ ފޯނުން ބަންގީގެ އެލާމް އެޅިކަން އެއީ ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. ކުރެވެން އުޅުނު މޮޔަކަމަކުން އޭނާއަށް ސަލާމަތްވެވުނީތީ ހަމްދުކުރެވުނެވެ.

ސާރައަށް ޖެހިފައިވާ މުސީބާތުން ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވުމަށް އޭނާ ކުރި މަސައްކަތުން އެވާކަތައް ގަބޫލު ނުކުރުމަކީ ސާރގެ ކުށެއް ނޫނެވެ. ސާރާ އަދި ކުށެއް ނުކުރެއެވެ. ނަމަވެސް އެމީހާގެ ވަކިތަކުން ސަލާމަތްވާން އެ ވާހަކަތައް ހިއްސާކުރާނެ މީހަކު ނެތުންވެސް އެއީ ސާރާގެ ބަދުނަސީބުކަމަށް ދެކިގެން ނުވާނެކަމަށް ވިސްނުނެވެ. އެ ވާހަކަތައް ހިއްސާކުރާނެ އިތުރު މީހަކު ނެތިއްޔާ އެކަނިވެރިވީ ކަމަށް ނިންމުމަކީވެސް ސާރާ އަމިއްލައަށް ހެދި ގޯހެކެވެ. އެހެން އެކަކު އޭނާއާ އެކުގައި ނެތަސް ހެއްދެވި ފަރާތް އޭނާއާ އެކުގައި ވާނެކަން ސާރާގެ ހަނދާނުން ފޮހެލެވުނީތީ އެކަމާ އެނާ އިންތިހާއަށް ދެރަވިއެވެ.

އޭނާ ދިރިހުރުމަށް އޭނާއަށް ލިބުނު މި ފުރުސަތުގެ ބޭނުން ހިފަން އޭނާ ބޭނުންވިއެވެ. ތައުބާވެ މާތްﷲއަށް ކުށްތަންވެ މަދަދަށް އެތި އެފަރާތަށް ދެންނެވުން ވަރުގެ ބުއްދިވެރި ކަމެއް ނެތްކަމަށް ސާރާ ނިންމިއެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ ކަމަށާއި ދިރިއުޅުމުގައި މިފަދަ ކިތަން މެ އިމްތިހާނެއް ކުރިމަތިވާޏެކަމަށް ސާރާ ގަބޫލުކުރިއެވެ. ކެތްތެރިވެ މާތްﷲގެ މަގުގައި ދެމިހުރުމަށް މަސައްކަތް ކޮށް ދުއާ ކުރުމަށް ވުރެ މޮޅު އިތުރު ގޮތެް ނެތްކަން ވިސްނުނެވެ.

ކުރެވެން އުޅުނު ކަންތައް ހިތަށް ވެރިވުމުން އެތައް އިރަކު ރޯން ހުރުމަށްފަހު ގެއާ ދިމާއަށް ދާން ސާރާ ހިގައިގަތީ ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމަށް ފަހުގައެވެ. ކުފުރު މަރަކުން މަރުވެއްޖެ ނަމަ މަހްޝަރު ދުވަހުންވެސް ސަލާމަތެއް ނެތް ކަން އޭނާއަށް އެނގެއެވެ. މިދުނިޔެމަތީ ކުރި ހުރިހާ އަޅުކަމެއްގެ ޡާވަބު ނުލިބުނުތާ ސުވަރުގެ ލިބުންވެސް ނެތީއެވެ. ސާރާ ސުވަރުގެ ބޭނުމެވެ. އުމުރުން ވީހާ ދުވަހެއް މަސައްކަތް ކުރަމުން ދިޔައީ އެ ދުވަހަށްޓަކައެވެ.

ބަނަވެފައިވާ އުޑުމައްޗާއި ވެހެމުންދިޔަ ހިމަފޮދު ވާރޭވެސް އޭނާގެ ހިތާމައިގައި ބައިވެރިވަމުންދާ ކަހަލައެވެ. މަޑު ފިޔަވަޅުތަކެއްގައި ސާރާ ގެއަށް ދިއުމަށް އަވަސްވެގަތީ ނަމާދުކޮށްލަން ބޭނުންވެފައި ހުރުމުންނެވެ. އަޅުކަން ކުރުމުން އޭނާގެ ހިތަށް އިތުރު ލުޔެއް ލިބޭނެ ކަން އެނގޭތީއެވެ.

ޖެހިލުންވެ ހުރެ ގެއަށް ސާރާވަނީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އޭނާ ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ޝިފާން ހުންނާނެ ކަމަށް ހީކޮށް ސާރާ ގޭގެ މައި ދޮރު ހުޅުވާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ސިޓިންގް ރޫމުގައި ހުރި ސޯފާގައި އެއް ފައި އަރުވައިގެން ރިމޯޓް އަތަށް ލައިގެން އިން ގަފޫރު ފެނުމުން ސާރާގެ ނިތަށް ރޫ ގިނަ ކޮށްލެވުނެވެ. ގަފޫރާ ހަތަރުކަޅި ބައްދަލު ކުރަން ބޭނުންނުވާތީ އިސް ޖަހައިގެން ހުރެ ސާރާ ގޭތެރެއަށް ވަންނަން އަވަސްވެގަތީ ލައިގެން ހުރި ހެދުން ވާރެއިން ތެމިފޯވެފައި ހުރުމުން ސިޓީންގް ރޫމްތެރެއަށް ފެންތިކި ޖަހާނެތީއެވެ.

ސާރާ ދިޔަ ދިމާާއަށް ކަޅި ޖަހާނުލާ ގަފޫރަށް ބަލާލެވުނީ އޭނާ ތެމިގެން ހުރުމުންނެވެ. ގައިގާ ތަތްލާފައިވާ ހެދުމުގެ ސަބަބުން ސާރާގެ ހަށިގަނޑުގެ ބައެއް ވަނާތައް ފާޅުވަމުން ދާތީ ގަފޫރަށް ހިމޭނަކުން ނުހުރެވުނެވެ. ކޮޓަރިއަށް ވަންނަން ދިޔަ ސާރާއަށް އޭނާ ދަމާލާފައި ގޮވާލުމުން ސާރާ އަށް ސިހުމެއް ލިބުނެވެ. ގަފޫރުގެ އަޑު ޖެހުމުންވެސް ސާރާއަށް ނުތަނަވަސްކަން ވެރިވެއެވެ. އެނބުރި ގަފޫރާ ދިމާއަށް ސާރަ ބަލާލީ މޫނު ނިވާ ކުރަން އަޅާފައިވާ ފޮތިކޮޅު އުފުލާލަމުންނެވެ.

ޝިފާން މިރޭ ޑިއުޓީ އަށް ނުކުންނަން ޖެހިގެން އެއާޕޯޓަށް ދިޔަ ވާހަކަ ގަފޫރު ބުނި އިރު އޭނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ގަފޫރު ބުނި އެއްޗަކާ ދޭތެރޭ ވިސްނާލަން ސާރާ އަށް ހިނދުކޮޅަކު އެ ހުރި ފިޔަވަޅު މަތީ މަޑުކޮށްލެވުނީ ޝިފާން ގޭގައި ނެތުމުން އެކަމާ އޭނާ ވީދެރައިންނެވެ. އޭނާ ބޭނުންވީ ގެއަށް އައިސް ވެދިޔަ ކަންތައްތަކުން ޝިފާންގެ ކިބައިން މައާފަށް އެދޭށެވެ. ނަމަވެސް ޝިފާން ޑިއުޓީއަށް ދިއުމުން އެވާހަކަ ދެން ދައްކާނީ މާދަމާ ކަމަށް ސާރާ ނިންމިއެވެ.

ހިޔާލަކަށް ގެއްލިފައި ހުރި ސާރާއަށް ހޭވެރިކަން ވީ ގަފޫރު އަނެއްކާވެސް އޭނާއަށް ގޮވާލުމުންނެވެ. ފޫހިގޮތަކަށް ސާރާ ހޫން ލައްވާލި ނަމަވެސް ގަފޫރު ބުނަން އުޅޭ އެއްޗެއް އަޑު އަހަން އޭނާ މަޑުކުރިއެވެ. ގަފޫރު މިރޭ ކާނީ ބޭރުންކަމަށް ބުނަމުން އޭނާ ގެއިން ނުކުމެގެން ދިޔައީ ގެއަށް އަންނާނީ ތަންކޮޅެއް ލަސްވީމަ ކަމަށް ބުނަމުންނެވެ. ގަފޫރު ގެއިން ނުކުމެގެން ދިއުމުން ސިޓިންގް ރޫމުގައި ހުޅުވާފައި ހުރި ޓީވީ ސާރާ ނިއްވާލިއެވެ. އެއަށް ފަހު އޭނާ ކޮޓަރިއަށް ވަދެ އަވަސްވެގަތީ ލައިގެން ހުރި ތެތްހެދުން ބަދަލުކޮށްލުމަށްފަހު ވުޟޫ ކޮށްގެން އިޝާ ނަމާދު ކުރާށެވެ.

ޝިފާން ގޭގައި ނެތުމުންނާ އެކީ ސާރާ މިރޭ ކާކަށް ބޭނުމެއް ނުވިއެވެ. ގަފޫރުވެސް ކާނީ ބޭރުން ކަމަށް ބުނުމުން ސާރާ ބަދިގެއަށް ވަދެ ކާ އެއްޗެހި ހޫނު ކޮށްލީ ނިދަން އޮށޯންނާށެވެ. ނިދަން އޮށޯތް އިރުވެސް ސާރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކުރެވެން އުޅުނު ކަންތައް ހިތަށް ވެރިވުމުން ސާރާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަމިއްލަ މީހާގެ އީމާތެރިކަން ކުޑަވި ކަމުގެ އިހްސާސް އެނާއަށް ކުރެވުނެވެ. ޝަކުވާތައް އޮހެމުން ދިޔަ އޭނާގެ ހިތަށާއި ސިކުނޑިއަށް ތަސައްލީއެއް ހޯދަން ބޭނުންވުމުން އަނެއްކާވެސް މުސައްލަ ފަތުރާލުމަށްފަހު ސާރާ ދެ ރަކުއަތުގެ ނަމާދެއް ކުރަން އަވަސްވެގަތެވެ. ނަމާދު ކުރަމުން ދިޔަ އިރުވެސް އެނާއަށް ރޮވެނީއެވެ. ސަލާމް ދިނުމަށްފަހު ދެއަތް މައްޗަށް އެނާ އުފުލާލީ މާތް ﷲގެ ހަޝްރަތުގައި އޭނާއަށް ކުރެވެން އުޅުނު ފާފަ ފުއްސާވާތޯ ދުއާ ކުރާށެވެ.

"ހައްދާވާ ބޮޑުކުރެއްވި ރަސްކަލާކޯ.. ތައުބާ ވާ މީހުންގެ ތެރޭގާއި އަޅު ލައްވާންދޭވެ. އަދި ބޮޑަށް ތާހިރު މީހުންގެ ތެރެއިން އަޅު ލައްވާފާންދޭނވެ. ތިޔަ އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ! ތިޔަ އިލާހު ހަޟްރަތަށް ހަމްދު ކުރަމެވެ. ތިޔަ އިލާހު ފިޔަވާ އެހެން އިލާހަކު ނުވާ ކަމަށް ހެކިވަމެވެ. ފާފާފުއްސެވުމަށް އެދި މިއަޅާ ދަންނަވަމެވެ. އަދި ތިޔަ އިލާހުގެ ހަޟްރަތުން އަޅު ތައުބާ ވަމެވެ. މިލައާއި ހަޑިތަކެތިން ހުދުހެދުން ދޮވެ ސާފުވެވޭ ފަދައިން އަޅުގެ ފާފަ ފުއްސަވައި ތާހިރު ކުރައްވާނދޭވެ. މިއަޅާ އަނދިރިން ނެރުއްވާ ނޫރުގެ ތެރެއަށް ފޮނުއްވާނދޭވެ. ސިއްރުގައި ކަމުގައި ވިޔަސް ފާޅުގައި ކަމުގައި ވިޔަސް އަޅަމެން ބޮޑެތި ފާފަތަކުން ދުރުހެލި ކުރައްވާން ދޭނވެ. އަދި އަޅަމެންގެ އަޑުއެހުމުގައި، ބެލުމުގައި، އަދި ހިތްތަކުގައި މިއަޅާގެ ފިރިމީހާގެ ކިބައިގައި އަދި އާއިލާގެ ތެރޭގައި ބަރަކާތް ލައްވާން ދޭވެ. މާތް ﷲ އަކީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެން ވާ ރަސްކަލާނގެ. މިއަޅާއަށް ޖެހިފައިވާ މުސީބާތުން ސަލާމްތްކޮށް ކެތްތެރިކަން ދެއްވާންދޭވެ. އިބަރަސްކަލާންގެ އިޔާދައާއި ރަހްމަތުން މިއަޅާއަށް ލިބިފައިވާ އުފާވެރި ދިރިއުޅުން ތާ އަބަދަށް ދަމަހައްޓައި ދެއްވުމަށާއި އާއިލާގެ އެންމެންގެ މެދުގައި ސުލްހަ ކަމާއެކު އުފާވެރިކަމާއެކު އުޅެވޭނެ ގޮތް މިންވަރު ކުރައްވާންދޭންވެ. ތިޔަ އިލާހުގެ ނިއުމަތްތަކަށް ޝުކުރުވެރިވާ، އެކަމަށް ހަމްދު ކުރާ މީހުން ކަމުގައި ލައްވައި އެ ހަމްދާއި ޝުކުރުގެ ބަސްތައް ގަބޫލު ކުރައްވައި އެ ނިއުމަތްތައް އަޅާމެންނަށް ފުރިހަމަ ކޮށް ދެއްވާނދޭވެ. އާމިން.."

މުސައްލަ ފަތްޖަހާލުމަށްފަހު ސާރަ ގޮސް އެނދުގައި އިސީނދެ އޭނާގެ ދިރިއުޅުމާ މެދު ވިސްނާލިއެވެ. ނަމާދުކޮށް ދުއާ ކުރެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން އޭނާ ދެން ގަސްތުކުރީ އަވަހަށް އެނދުގައި އޮށޯވެ އޮވެ ނިދާށެވެ.

ކޮޓަރީގެ ތަޅަށް ތަޅުދަނޑު މަހާލުމަށްފަހު ގަފޫރު ދޮރު ހުޅުވާލީ ސިއްރުސިއްރުންނެވެ. ފަނޑު އަލިކަމެއް އެކުލެވިފައިވާ ކޮޓަރިތެރެއަށް އޭނާ ވަންނަމުން އެނދުގައި ނިދާފައި އޮތް ސާރާއާ ދިމާއަށް ބަލާލީ އިރު އޭނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ކޮޓަރި ތެރެއަށް ވަދެގެން އައިސް ސާރާ ނިދަން އޮތް އެނދު ކައިރީ އިށީނެވެ. އެއަށްފަހު ސާރާގެ ފައިމަތީގައި އަޅާފައިވާ ބްލޭންކެޓް ނެގުމަށްފަހު ސާރަގެ ދޮން ފައިތިލައިގައި ގަފޫރު ބީހިލިއެވެ. މަޑުމަޑުން ގަފޫރުގެ އަތް ތިލަ މައްޗަށް ގެންދިޔަ ވަގުތު ސާރާއަށް އޭނާގެ ފައިގައި އެއްޗެއް ކޭއްތެމުންދާ ކަހަލަ އިހްސާސެއްވުމުން ދެލޯހުޅުވާލަމުން ފައިތަޅުވާލީ ލިބުނު ކުއްލި ސިހުމުންނެވެ. ފުންމައިގެން ތެދުވެ އިށީން ސާރާއަށް އޭޏާގެ އެނދުގެ މަގަތުގައި އިށީނދެގެން އިން ގަފޫރު ފެނުމުން ބްލޭންކެޓު ގެނެސް މެއާ ކައިރިކޮށްލަމުން ހަށިގަނޑު ފޮރުވާލަމުން ހަޅޭއްލަވައިގަތެވެ.

"ކާކަށް އިއްވަން ތި ހަޅޭއްލަވަނީ... ޝިފާންވެސް މިރެއަކު ނެތް... ކިތަންމެ ބާރަށް ހެޅޭއްލެވިއަސް އެކަކަށްވެސް އަޑެއް ނީވޭނެ.." ގަފޫރުގެ ހަރުކަށި ޖުމްލައިގެ އަޑު އިވުމުން ސާރާއަށް އަޑުން އަޑު ނަގާ ބާރަށް ރޮއެގަނެވުނެވެ. އެތަނުން ސަލާމަްތވުމށް އޭނާއަށް ހަދާނެގޮތަކާ ދޭތެރޭ ވިސްނާލެވުނު އިރު ގޭގައި ތިބީ ގަފޫރާއި ސާރާ އެކަނިކަން އެނގުމުން ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. ސާރާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތަކަން އެނގުމުނ އޭނާ ދެއަތް ޖޯޑުކޮށްގެން އިންދެ އާދޭސް ކުރީ ރޮމުންނެވެ.

"ބައްޕާ... ހެޔޮނުވާނެ.. ތިހެން ނުހަދާ... އަޅުގަނޑު މީ ބައްޕަގެ ދަރިއެއްގެ މަގާމުގައި ހުރި މީހެއް... ޝިފާންގެ އަތްބެއް...ތިހެން ނުހަދާ..." ސާރާގެ އާޑޭސް އަޑުއަހަން ގަފޫރު ބޭނުމެއް ނުވިއެވެ. ސާރާގެ އަތުގައި ހިފާ ފޮޅުވާލަމުން އެނދުމައްޗަށް ގަފޫރު ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާ އެއް ފަދައިންނެވެ.

ކުއްލިއަކަށް ދޮރު ހުޅުވިގެން ގޮސް ދަރުގެ ތަޅު ފާރުގައި ޖެހުނު އަޑަށް އެ ދެމީހުންނަށް ސިއްސައިގެން ގޮސް ދޮރާ ދިމާއަށް ބަލާލެވުނު އިރު ރުޅިއައިސް ރަތްވެފައި ހުރި ޝިފާން އެތަނަށް ވަންނަނީއެވެ. ޝިފާންގެ ރަތް ދެލޮލާއި ރުޅިވެރި މޫނުމަތި ފެނުމުން ބިރުންގޮސް ސާރާ ކޮޓަރީގެ ކަނަކަށް ޖެހި ފާރާއި ތަތްވީ އެދުވަހު އޭނާގެ ކަންފަތްމަތީ ޝިފާން ޖެހި ބާރުގަދަ އެތިފަހަރު މަތިން ހަނދާންވުމުން އިތުރު އަނިޔާއެއް ވާން ބޭނުން ނުވާތީއެވެ.

ކޮޓަރަިއަށް ވަނުމަށްފަހު ޝިފާން ފުތަރަމަވެސް ބަލާލީ އޭނާގެ ބައްޕައާ ދިމާއަށެވެ. ލައިގެން ހުރި ޖަންގުފުރާސްގަނޑު ތިރިކޮށްލަމުން ޝިފާން ކައިރިން ރެކިގެން އޭނާ އެކޮޓަރިން ނުކުމެގެން ދިޔައިރު އެދެމެދުގައި ބަހުގެ އެއްވެސް މުއާމަލާތެއް ނުކުރެއެވެ. އޭރު ދެ ކަންފަތް މަތީ އަތް އަޅައިގެން ރޯން އިން ސާރާ ސިއްސައިގެންގޮސް އިސްއުފުލާ ލެވުނީ ތުރުތުރު އަޅަމުން ދިޔަ އޭނާގެ އަތުގެ ކުޑަހުޅުގައި ޝިފާން ހިފާ ދަމާލުމުންނެވެ.

އެވަގުތު ޝިފާން ދެކެ ސާރާ ކިތަންމެ ބިރުގަނެފައި އިން ނަމަވެސް މަޑުމަޑުން އޭނާ ތެދުވިއެވެ. ސާރާއަށް ވެފައި އިން ގޮތް ފެނުމުން ޝިފާ ބުރުގާ އަޅާށޭ ބުނީ މަޑުމައިތިރި ކަމާ އެކުގައެވެ. ވާން އުޅޭ ގޮތް ނޭނގުނު ނަމަވެސް ޝިފާން ބުނި ގޮތަށް ސާރާ ކަން ކުރަން ބޭނުންވިއެވެ. ބޮޑު ވަށްބުރުގާ ބޮލަށް މަހާލުމަށްފަހު އޭގޭ މަތިން މޫނުމައްޗަށް ސާރާ ފޮތިކޮޅު ވައްޓާލީ ޖެހިލުންވެ ހުރެއެވެ. އެހިސާބުން ސާރާގެ އަތުގައި ހިފައިގެން ބާރު ހިނގުމެއްގައި ގޮސް ޝިފާން މަގުމައްޗަށް ނުކުތެވެ.

ކުށްވެރިއެއް ފަދައިން އިސް ޖަަހއިގެން ސާރާ ހުރި އިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައީ ގެންފައިވާ ލަދުންނާއި އޭނާއަށް ގަފޫރު ދިން ހަމަލާ ހިތަށް އެރުމުންނެވެ. އެކަމާ ޝިފާން ބުނާޏެ އެއްޗެއް އަދި ސާރާއަށް ނުވިސްނޭތީ އޭނާ ހިމޭނުންހުރީ ޝިފާންގެ ނިންމުން އަޑުއަހާށެވެ. އިސްނަގާ އެއްޗެއް ބުނާނެ ހިތްވަރެއް ސާރާގެ ގަޔަކު ނެތެވެ. އެއަށް ވުރެ އޭނަ ހުރީ ހިތްދަތިވެ ބިރުގެންފައެވެ.

ހިނދުކޮޅަކު ސާރާގެ މޫަނށް ބަލަން ހުރުމަށްފަހު ޝިފާން އެނާގެ އަނބިމީހާގެ ގައިގާ އޮޅުލައިގަތެވެ. "ސާރާ އަހަރެންނަށް މައާފް ކުރޭ... ކުޑަ އިރުއް ސުރެ މަންމަ އަކާ ނުލާ ހާލުގައި އުޅެމުން އަހަރެން ބަލާ ބޮޑުކުރި ބައްޕަ އަހަންނަށް ދޫކޮށްލެވޭކަށް ނެތް... އަހަންނަށް ސާރާއާ ނުލާ ވެސް ނޫޅޭވޭނެ.. ތިކަހަލަ މާތް އިންސާނަކާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން މިއަދު އަހަރެން ދެރަވެ ލަދުގަނޭ.... ބައްޕަގެ ފަރާތުން އަހަރެން މައާފަށް އެދެން.. މީގެ ފަހުން އަހަރެންގެ ބައްޕަގެ ހިޔަނިވެސް ސާރާގެ ދިރިއުޅުމަށް އެޅުނަކަ ނުދޭނަން. މާދަމާ ބައްޕަ ރަށަށް ބޮޑުދައިތަމެން ކައިރިއަށް ފޮނުވަން ހުރިހާ ކަމެއް އަހަރެން ހަމަޖައްސާނަން. ބައްޕަ ފުރަން ދެން އަހަރެން އެންމެ ވަގުތަކަށްވެސް ސާރާއާ ދުރަކަށް ނުދާނަން.. އަހަންނަށް މައާފް ކުރޭ... ޕްލީސް"

ޝިފާންގެ ބައްޕަގެ އަމަލުތަކާއި ނިޔަތް އެނގިހުރެވެސް ޝިފާން އޭނާގެ ބައްޕަ މި ދުނިޔެއަށް ގިނަކޮށެއް ނުލައެވެ. ބައްޕައަށްޓަކައި ސާރާ ނެރެ އެއްލައެއްވެސް ނުލައެވެ. ބައްޕަގެ ފަރާތުން އިތުރު ނުރައްކަލެއް އައިސްދާންކަމަށް ވިސްނާފައި ޝިފާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސާރާ ދެކުނެވެ. އޭނާ ޝިފާން އަށް މާފްކޮށްފިން ކަމަށްބުނެ ޝިފާންގެ ގައިގާ އޮޅުލައިގަތީ ޝިފާނަކީ އޭނާ ހިމާޔަތް ކުރާނެ ވަރުގެ ހެޔޮލަފާ ފިރިއެއް ކަން އެނގުނީމައެވެ. ޝިފާންގެ އާދޭސް އަޑުއިވުމުންް ރަތްވެފައިވާ ސާރަގެ ދެލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. މާތް ﷲ އޭނާގެ ދުއާ އިޖާބަ ކުރެއްވީތީ ހިތާހިތުން ހަމްދު ކުރެވުނެވެ.

(ނިމުނީ)