ހައުސިން ޑިވްލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ފަސް ބިމެއްގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެޗްޑީސީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން އަންގައިފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމިއްލަ ފަރާތަކުން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ފަސް ބިމެއް (75 ހާސް އަކަފޫޓް) ކުއްޔަށް ނަގައި، ކުއްޔަށް ނެގި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ، އެ ބިންތައް އެހެން ފަރާތްތަކާއެކު އެގްރީމެންޓް ހަދާ ކުއްޔަށް ދީފައިވާކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަ ބަލައި، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލައިގައި މިދިޔަ ފެބްރުއަރީ 21 ގައި އޭސީސީން އެޗްޑީސީއަށް އަންގާފައިވާ އެންގުމުގައި، މި ފަސް ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި މެއި 2، 2018 ގެ ނިޔަލަށް 39 މިލިއަން ރުފިޔާ އެ ފަރާތުން އެޗްޑީސީއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރިކޮށް ކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނުވާތީ އެ ފައިސާ ހޯދުމަށް އެޗްޑީސީއަށް އަންގާފައިވާނެ ކަމަށެވެ.

"އެ ފައިސާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއަށް ވެސް އޭސީސީން ވަނީ އަންގާފައެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން ބުނީ، ބޯޑު ރިސޮލިއުޝަނުން ފާސްކޮށްފައިވާ އެޗްޑީސީގެ މޯގޭޖް ޕޮލިސީ ނުވަތަ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗާއި އިމާރާތާއި ނުއުފުލޭ މުދާ ރަހުނު ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި އުސޫލު އިސްލާހުކު ރުމަށްވެސް އަންގާފައިވާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ ފަދަ ބިންތައް ކުއްޔަށް ދިނުމާއި މޯގޭޖްކުރުމަށް ހަދާ އެއްބަސްވުންތަކުގައި އެޗްޑީސީގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަކަށް އެއްބަސްވުން އެކުލަވާލުމަށްވެސް އަންގާފައިވާނެ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.