ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަަނަ ޖަލްސާގައި ވޯޓު ލުމަށް ފަހު، 81 މެންބަރުންގެ ވޯޓާއި އެކުގައެވެ. ހިސާންގެ ނަން ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައި ވަނީ މިއަދު ހެނދުނެވެ.

ހިސާން އަކީ 2007 އިން ފެށިގެން ގާނޫނީ ދާއިރާގެ ތަޖުރިބާ އަމަލީ ގޮތުން ހޯއްދަވަމުން ގެންދަވާ ފާހަގަކޮށްލެވޭ ވަކީލެކެވެ. އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވަނީ ކުރައްވާފައެވެ. ހިސާން ވަނީ ސިޔާސީ ބޭފުޅުންގެ ދިފާއުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދަށް ކުރި ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވިއެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާގައި ވަކާލާތު ކުރެއްވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ މައްސަލައިގައި ވެސް ހިސާން ގާނޫނީ މަސައްކަތް ކުރެއްވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށްވެ ވަޑައިގެން ގާނޫނީ ހުރަސްތަކާ ކުރިމަތިލެއްވިއެވެ.