އިންޑިއާގެ ހިލޭ އެހީގެ ދަށުން އިތުރު ތިން ޕްރޮޖެކްޓެއް ފަށަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 8.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ދިވެހި ސަރުކާރާއި ހަވާލުކުރި ތިން މަޝްރޫއު ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ މިނިސްޓްރީން މިއަދު ނެރުނު ދެ ނޫސްބަޔާނުގައިވާ ގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދެ ރަށެއްގެ ކްލާސްރޫމް އެޅުމުގެ މަޝްރޫއުތަކާއި، ހއ އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ޅޮހީގައި ހަ ކްލާސްރޫމާއި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި ހަ ކްލާސްރޫމް އެޅުމަށް އިންދިއާ ސަރުކާރުން ދީފައި ވަނީ 1،201،056 ދިވެހި ރުފިޔާއެވެ. ރާއްޖޭގެ ސްކޫލްތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެކެވެ.

މީގެ އިތުރުން، އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުން 7,469,465.89 ދިވެހި ރުފިޔާ ދީފައިވާއިރު، އެ ރަށުގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަގްސަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުުގައާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ދެ ޕްރޮޖެކްޓެއް ފަށާފައެވެ. އެގޮތުން ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލަށް އިންޑިއާ ސަރުކާރުން 7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ. އަދި އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އަދި 18 ވަނަ ދުވަހު، އިންޑިއާގެ ފޮރިން މިނިސްޓަރު، ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.