އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ސައުދި އަރަބިއްޔާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު މައްކާގައެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

1969 ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ގައުމު ބައިވެރިވެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ.

އޯއައިސީ ސަމިޓަކީ ސައުދީއާއެކު ހާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސް ސައުދީއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.