އަންނަ މަހުގެ ހަތް ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ތާއިދު ކުރައްވައިފިއެވެ.
ރޭ ބޭއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރުކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެން ކަމަށް ވާތީ، މިއަދު ކުރިއަށްދާ ޖަލްސާގައި އެކަން ހުށަހަޅުއްވާ މެންބަރުން ވަނީ އެކަމަށް މަޝްވަރާ ކުރައްވާފައެވެ.
މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު، އީވާ އަބްދުﷲ ވިދާޅުވީ، ރާއްޖޭއިން އަބަދުވެސް އިސްކުރާ ސިޔާސަތަކީ "އެންމެ ފުރަތަމަ އިންޑިއާ" ސިޔާސަތު ކަމަށެވެ. އަދި ބޭރު ގައުމުތަކާއި ގުޅުންބަދަހި ކުރުމަކީ އަޅުގަނޑުމެންގެ މިނިވަން ކަމާއި އިސްތިގުލާލު ކަށަވަރު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ. މީގެ އިތުރުން، މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރެއްވުމަށް އެދިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ބޮޑުފަހުރެއް ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައިވާއިރު، "އިންޑިއާ އަކީ އަޅުގަނޑު މެންގެ ނައިޓް އިން ޝައިނިން އާމާ" ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއި އިންޑިއާ އާދެމެދު އޮންނަ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރާއްޖެ ބަރޯސާ ވާންވީ އިންޑިއާ އަށް އެކަނި ނޫން ކަމަށާއި، ދުބާއީ ފަދަ ގައުމުތަކާއި ވެސް ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު މޯދީ ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުގައި ރާއްޖެ އަށް ވަޑައިގަންނަވާނީ ދެ ދުވަހަށެވެ. މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވިއެވެ.