މިރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާ، އެކަން ރިޔާސަތުން އިއުލާންކޮށްފިއެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާ އެކަން އިއުލާން ކުރެއްވީ މަޖިލީހުގެ އާ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުއްވާނެކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ މާދަމާގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އަށް މަޖިލީހުން ކަނޑައަޅާނެ މެންބަރަކު ހޮވުން އޮންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދައަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުން ވެސް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިރޭ ވަނީ މަޖިލީހުގެ މެންބަރުން ހުވާކޮށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމެވެ. މަޖިލީހުގެ ރައީސް ހޮވުމަށް މިރޭ ނެގި ވޯޓުގައި ރައީސް ނަޝީދަށް 67 ވޯޓު ލިބިވަޑައިގެންނެވިއެވެ. ނަޝީދާ ދެން ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި 18 ވަނަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމެވެ. ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސަކަށް ހަމައެކަނި ނަން ހުށަހެޅުއްވި ގަލޮޅު އުތުރު ތާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބުރައީސަކަށް ހޮއްވެވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން އީވާއަށް 76 ވޯޓު ލިބިވަޑައިގަތެވެ.
އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕްމެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައެވެ.