ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިރޭ އިންތިހާބުވެ ވަޑައިގެންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލީޑާޝިޕްގެ ދަށުން ކާމިޔާބު މަޖިލީހެއް ލިބިގެންދާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކިތައްމެ ގޮންޖެހުމެއް އޮތް ނަމަވެސް، ރައީސް ނަޝީދާއި އެމަނިކުފާނު ގެންގުޅުއްވަނީ އެއް އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަކީ ޑިމޮކްރެޓިކް އަދި ކުރިއަރައިގެންދާނެ ރާއްޖެއެއް ހޯއްދެވުން ކަމަށެވެ. ރައީސް ވިދާޅުވީ ނަޝީދުގެ ލީޑާޝިޕުގެ ދަށުން މަޖިލިސް 19 އަކީ ކާމިޔާބު މަޖިލީހަކަށް ވެގެންދާނެ ކަަމަށެވެ.

"މަނިކުފާނު [ނަޝީދު] ގެ ލީޑާޝިޕްގެ ދަށުން މަޖިލިސް 19 ވެގެން ދާނީ ފަހުގެ ތާރީހެއްގައި ފާހަގަ ކުރެވޭ އެންމެ ކާމިޔާބު މަޖިލީހަށް"
ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހޮވިވަޑައިގަތުމުން މަރުހަބާ ދަންނަވާ ޓްވީޓެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ ސިޔާސީ ދާއިރާގެ ލީޑާޝިޕްގެ ދައުރުތައް އަންހެން ބޭފުޅަކު އަދާ ކުރައްވާ މަންޒަރަކީ އަބަދުވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރެއް ކަމަށެވެ. އަދި އީވާއާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަން ހުންނެވި ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އީވާއާއެކު މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށެވެ.

ނަޝީދު ހޮވިވަޑައިގެންފައިވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 86 މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ޖުމްލަ 67 ވޯޓުންނެވެ. އީވާ އަބްދުﷲ ނައިބު ރައީސް ކަމަށް ހޮވަން ފެނިވަޑައިގަންނަވާ ކަމަށް 76 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.