ފިޝަރީޒް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމް ކުރުމަށް، ލޯނަށް އެދުމުގެ ފުރުސަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެ ފުރުސަތު ހަމަވުމާ ގުޅިގެންނެވެ.

މި ލޯނަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމް ކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވެ މަގުފަހި ކޮށްދިނުމަށް ދޫކުރަ ލޯނެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން ރުފިޔާކަމަށެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. މި ލޯނު އަނބުރާ ދައްކަން ޖެހޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ފަސް އަހަރު ދުވަހުގެ ތެރޭގައެވެ. އަދި މި ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދުގެ ލޯނެއް ކަމުން ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން8 (އެސްޑީއެފްސީ) ގައި ރަހުނު ބަހައްޓަން ޖެހެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯނާ ބެހޭ އުސޫލާއި ލޯނަށް އެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި މިނިސްޓްރީންނާއި އެސްޑީއެފްސީން ލިބެން ހުންނާނެ ކަމަށެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ކުރެވުނު މުއްދަތާއެކު ހަމަވާނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.